ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހިތަދޫ މޫލެކެޑެ ދާއިރާ އަށް ވާދަކުރައްވަން އެ ދާއިރާގެ މިހާރުގެ ވެސް ކައުންސިލަރު އަހުމަދު ސައީދު ނިންމައިފި އެވެ.
މިކަން މިއަދު ސޯޝަލް މީޑިއާގައި އިއުލާން ކުރައްވައި ވިދާޅުވީ އެ ދާއިރާގެ ކައުންސިލަރުގެ މަގާމުގެ އިތުރު ދައުރަކަށް ވާދަ ކުރައްވާނީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ. އެހެންވެ މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ފަދައިން ދާއިރާގެ ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ ކުރިއަށް އޮތް ފަސް އަހަރު ވެސް ރައްޔިތުންގެ ހައްގުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މަސައްކަތް ކުރައްވާނެކަން ކަމަށް ސައީދު ވިދާޅުވި އެވެ.
އެހެންވެ ދާއިރާގެ ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައިވެ އެވެ.
ކުރިން އެމްޑީޕީގައި އުޅުއްވި ސައީދު މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމަށް ފުރަތަމަ ހޮވުނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައިގެންނެވެ.
މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނަ އަމިއްލަ ގޮތުން ހިތަދޫ އުތުރު ދާއިރާ އަށް ވާދަކުރެއްވި އެވެ.