މަސްވެރިންގެ ގުންޒަރު މިއަދު ފަށައިފި އެވެ.
މަސްވެރިން އެއްތަންވެ ދާއިރާއާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ކުރިއަށް ގެންދާ މި ގުންޒަރު މިއަދު ފެށީ މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަމުން އަންނަ ރ. ދުވާފަރުގަ އެވެ.
މި ގުންޒަރު ފެށުމުގެ ރަސްމިއްޔާތު ހެނދުނު ޝަރަފުވެރިކޮށް ދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
މި އަހަރުގެ މަސްވެރިންގެ ގުންޒަރުގައި ނުވަ އަތޮޅަކުން 47 މަސްވެރިންނާއި މަސް ޕްރޮސެސްކުރާ ހަތަރު ކުންފުންނަކުން ބައިވެރިވެ އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ގުންޒަރުގެ މަސްވެރިންގެ ފޯރަމްގެ މައިގަނޑު މަގުސަދަކީ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް މި ސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ ސިނާއަތުގައި ހުރި ދަތިތައް ހައްލު ކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭގޮތުން ވެސް މީގައި މަޝްވަރާ ކުރާނެ އެވެ.
މަސްވެރިންގެ ގުންޒަރު ބާއްވަން ފެށީ 2023 އިން ފެށިގެންނެވެ.
މިއަދު ފާހަގަ ކުރަނީ ރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހެވެ.