ހޮލީވުޑްގެ ޒުވާން ތަރިން ކަމަށްވާ ރޮބަޓް ޕެޓިންސަނާއި ޒެންޑާގެ "ދަ ޑްރާމާ" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.
މި ދެ ތަރިންނަކީ ޑައިރެކްޓަރު ކްރިސްޓޯފާ ނޯލަން އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ އެކްޝަން ފެންޓަސީ ފިލްމު "ދި އޮޑިސީ" ގެ ކާސްޓްގެ އިތުރުން އަންނަ އަހަރު ޑައިރެކްޓަރު ޑެނިސް ވިލެނޯވް ގެނެސްދޭން ހަމަޖެހިފައިވާ "ޑޫން: ޕާޓް 3"ގައި ވެސް ހިމެނޭ ދެ ތަރިންނެވެ.
ޕެޓިންސަނާއި ޒެންޑާޔާގެ ޖޯޑު އެކީގައި އަލަށް ސްކްރީނަށް ގެންނަ ރޮމޭންޓިކް ކޮމެޑީ "ދަ ޑްރާމާ" އަކީ ކްރިސްޓޮފާ ބޯގްލީ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އޭނަ އަކީ 2023 ގެ "ޑްރީމް ސިނާރިއޯ" އާއި 2022 ގެ "ސިކް އޮފް މައިސެލްފް" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.
އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޑްރާމާ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އެޕްރީލް 3 ގަ އެވެ. މީގެ ކާސްޓްގައި އަލާނާ ހެއިމް އާއި ހެއިލީ ގޭޓްސް އަދި މަމޫދޯ އެތީ ވެސް ހިމެނެ އެވެ.
ސްޕައިޑަމާންގެ ރޯލު ކުޅޭ ޒުވާން އެކްޓަރު ޓޮމް ހޮލަންޑާ ރައްޓެހިވެގެން އުޅޭ ޒެންޑާޔާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ" އާއި "ޑޫން: ޕާޓް 3" ހިމެނެ އެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޗެލެންޖާސް" އެވެ.
"ޓްވައިލައިޓް" ސާގާ އިން ވިދި ޕެޓިންސަންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ސައިކޮލޮޖިކަލް ޑްރާމާ "ޑައި މައި ލަވް" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޕްރައިމްޓައިމް" އާއި "ހިއަ ކަމްސް ދަ ފްލަޑް" ހިމެނެ އެވެ.