Last Updated: June 6, 22:05
Saturday, June 6, 2026
ދުނިޔެ

16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާވެއްޖެ

އޮސްޓްރޭލިއާގެ 16 އަހަރުން ދަށުގެ ކުދިންނަށް މިއަދުން ފެށިގެން ސޯޝަލް މީޑިއާ މަނާކޮށްފި އެވެ.

މިއަދުން ފެށިގެން އެކަން ތަންފީޒު ކުރަން ފަށާނެކަން އެ ގައުމުގެ ސަރުކާރުން އޮތީ ދުރާލައި އިއުލާން ވެސްކޮށްފަ އެވެ.

ސޯޅަ އަހަރުން ދަށަށް މަނާކުރަން ނިންމި ޕްލެޓްފޯމްތަކުގެ ތެރޭގައި ފޭސްބުކާއި އިންސްޓަގްރާމާއި ޓިކްޓޮކާއި ސްނެޕްޗެޓާއި ޔޫޓިއުބްގެ އިތުރުން ތުރެޑްގެ އިތުރުން ރެޑިޓް ހިމެނެ އެވެ.

މިއީ ސޯޝަލް މީޑިއާގެ ވަސީލަތްކުގެ ސަބަބުން ކުދިންނަށް ކުރިމަތިވަމުންދާ ސިއްހީ/ނަފުސާނީ މައްސަލަތަކާއި ކުރިމަތިވަމުންދާ ނުރައްކާތަކާއި ގެއްލުންތަކުން ކުދިން ސަލާމަތް ކުރުމުގެ ގޮތުން އަޅަން ނިންމި ފިޔަވަޅެކެވެ.

ސަރުކާރުން ބުނެފައި ވަނީ މަނާކުރި އެޕްތައް މިއަދުން ފެށިގެން ފަހުން 16 އަހަރުން ދަށުގެ ކުދިންނަށް އެކްސެސްވެވިގެން ނުވާނެ ކަމަށެވެ. އެހެންވެ އެކަމާ ހިލާފުވާ އެޕެއް ހިންގާ ކުންފުނިތައް 50 މިލިއަން އޮސްޓްރޭލިއާ ޑޮލަރު (32.5 މިލިއަން އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ވެސް ކުރާނެ އެވެ.

އޮސްޓްރޭލިއާގައި 16 ދަށަށް ބޭނުން ކުރެވޭނެ ޕްލެޓްފޯމްތަކުގެ ތެރޭގައި ޔޫޓިއުބް ކިޑްސް އާއި ވަޓްސްއެޕާއި ޑިސްކޯޑާއި ލެގޯ ޕްލޭ އާއި ރޮބްލޮކްސް އަދި ގޫގުލް ކްލާސްރޫމް ހިމެނެ އެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބެނީސް ވިދާޅުވީ މިއަދަކީ އެ ގައުމަށް ތާރީހީ ހާއްސަ ދުވަހެއް ކަމަށާއި 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ ކުރުމަކީ ފަހުރެއް ކަމަށެވެ.