"މަހަ މަންފާ" ގެ ނަމުގައި މަސްވެރިކަމުހެ ސިނާއަތަށް ހާއްސަ ފައިނޭންސިން ސްކީމެއް ތައާރަފުކޮށްފި އެވެ.
މި ސްކީމްގެ ދަށުން މަސް ޕްރޮސެސް ކުރަން ބޭނުންވާ ސާމާނާއި ވަސީލަތްތަކާއި އެކަމާ ގުޅުންހުރި ތަކެތި ގަތުމަށް ރަހުނަކާ ނުލާ 50000-400000ރ. އާ ދެމެދުގެ ފައިނޭންސިން ފޯރުކޮށް ދޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުންޏެވެ
މި ލޯނު އަނބުރާ ދެއްކުމަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ގިނަވެގެން ހަތް އަހަރު ދުވަސް ލިބޭނެ އެވެ. އަދި އެ ފައިނޭންސިން ދޫކުރަނީ އަހަރަކަށް 6 ޕަސެންޓްގެ އިންޓްރެސްޓްގަ އެވެ.
"މަހަ މަންފާ" ސްކީމް މެދުވެރިކޮށް މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތަކުން ވިޔަފާރިތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުންޏެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ލިބޭ ނަފާ އިތުރުވެ، މަސްވެރިކަމުގެ އެކްސްޕޯޓް އިތުރުކުރެވި ރާއްޖޭގެ މަސްވެރިކަމާއި މަހުގެ އުފެއްދުންތައް ބޭރު ދުނިޔޭގައި އިތުރަށް މާކެޓު ކުރުމަށް މަގުފަހިކޮށް ދޭނެ ކަމަށް އެތަނުން ބުންޏެވެ.
މި ސްކީމަށް ހުޅުވައިލާނީ މި މަހުގެ 13 ގަ އެވެ.