Last Updated: May 13, 23:37
Monday, May 13, 2024
ކޮލަމް

މެންބަރު ނާޒިމާއި ރައީސް ޔާމީން ސިންގަޕޫރުގައި ބައްދަލުކުރައްވަނީ!؟؟

ސިޔާސީ ގޮތުން ހަލަބޮލި އަހަރަކަށް ފަހު 2016 ވަނަ އަހަރަށް ދިވެހިރާއްޖެ ކުރިމަތިލީ ޤައުމުގައި ހަމަޖެހުން ޤާއިމްވުމަށް އެދި އަނެއްކާ ވެސް ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. ޖަލުގައި ބަންދު ކުރެވިފައި ތިބި ސިޔާސީ ކުށްވެރިން މިނިވަން ކުރެވިގެންދާ މަންޒަރު ބަލަން ބޭނުންވެފައި ތިބެއެވެ.

ނަމަވެސް އަހަރުގެ ފުރަތަމަ ދުވަހު، ޤައުމުގައި ނައިބު ރައީސެއް ނެތި ރައީސް އަބްދުﷲ ޔާމީން ތައިލޭންޑަށް ފުރާވަޑައިގަތުމާއި އެކު އެތައް ބަޔަކު އެކަމާއި ކަންބޮޑުވުން ފާޅުކުރިއެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ މެންބަރުން ވެސް ހިމެނެއެވެ.

ރައީސް ޔާމީން ޤައުމުގައި ވަޑައިގެން ނޫޅުއްވަނީސް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވެރިކަމުގެ ހުވަފެން ދެކެވަޑައިގެންނެވި ގޮތަށް ސަރުކާރުގެ ތެރެއިން އަނެއްކާވެސް އެފަދަ ހުވަފެންފުޅެއް އެހެން ބޭފުޅަކު ދެކެވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ.

ނައިބު ރައީސް ކަމުގެ މަޤާމުން އަދީބު ވަކިކުރިތާ 60 ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު އެމަޤާމަށް އެހެން ބޭފުޅަކު އައްޔަންކޮށްފައި ނުވުމަކީ، ރައީސް ޔާމީން އިތުބާރު ކުރައްވާ އެހެން ބޭފުޅަކު ސަރުކާރުގެ ތެރޭގައި ނެތުން ކަމަށް ވެސް ވެދާނެއެވެ. ނައިބު ރައީސް ކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމަކީ މުޅިން އެހެން ވާހަކައެކެވެ.

ސުވާލަކީ، ނައިބު ރައީސެއް ނެތި، ވެރިކަމުގެ ހުރިހާ ބާރެއް އަތްޕުޅަށް ނަންގަވައިގެން ނުވަތަ ކޮންމެވެސް އެހެން ފަރާތަކާއި އެ ބާރުތައް ހަވާލުކުރުމަށް ފަހު ރައީސް އަބްދުﷲ ޔާމީން ޤައުމުން ބޭރަށް ވަޑައިގަތީ ކީއްވެގެން ހެއްޔެވެ؟

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޔާމީން ފުރާވަޑައިގަތީ ތައިލޭންޑަށެވެ. އެޤައުމުގެ ބޮޑު ވަޒީރާއި ރައީސް ޔާމީން ބައްދަލުކުރައްވައި ރަސްމީ ވާހަކަތަކެއް ކުރިއަށް ގެންދާނެއެވެ. ދުވަހު ނޫސް 'ހަވީރު'ގައި ރިޕޯޓްކޮށްފައިވާ ގޮތުން ތައިލޭންޑްގެ ދަތުރުފުޅަށް ފަހު އެމަނިކުފާނު ވަޑައިގަންނަވަނީ، ސިންގަޕޫރަށެވެ. ނަމަވެސް އެއީ ނުރަސްމީ ދަތުރުފުޅެކެވެ.

އިއްތިފާޤަކުން މަކަރާއި ހީލަތުގެ މައްސަލަ ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ވެސް ގެންދަވަނީ ސިންގަޕޫރުގައި ބޭސްފަރުވާ ކުރައްވަމުންނެވެ.

ކަރެކްޝަނަލް ސާވިސް އިން މެންބަރު ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށް ދީފައިވާ މުއްދަތު 3 ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްދީފައެވެ. އެބޭފުޅާ ސިންގަޕޫރަށް ވަޑައިގަތީ ފާއިތުވި ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ. އެހެން ކަމުން ބޭސްފަރުވާގެ މުއްދަތު އިތުރުކުރަމުން ދަނީ، ރައީސް ޔާމީން އާއި އެމަނިކުފާނުގެ "ބެސްޓް ފްރެންޑް" ނުވަތަ "އެކްސް ބެސްޓް ފްރެންޑް" ގެ ރީ ޔޫނިއަން އަކަށް ވެދާނެ ހެއްޔެވެ؟

އެހެން ކަމަށް ބެލެވިދާނެ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެރެއިން އެއްކަމަކީ، މެންބަރު ނާޒިމް ރައީސް ޔާމީންގެ އަތްޕުޅަށް އަރުވާފައިވާ ޅެމެއް ކަމަށް ބުނެ މީޑިއާގައި އާންމުކޮށްފައިވާ ޅެމެވެ.

" މާދަމާވެސް އެފަދަ ދުވަހެއް ދައްކަވައިފިއްޔާ އަލުން ހާދަ އިޚްލާސްތެރިކަމާއެކު ގާތުގައި ހުންނަން ހުރިން" ކަމަށް އެ ޅެމުގެ ބައިތެއްގައި ބުނެފައިވާއިރު އެ ގޮތަށް އަލުން އަދިވެސް ރައީސް ޔާމީން އާއި އެކު މަސައްކަތް ކުރައްވަން މެންބަރު ނާޒިމް ހުންނެވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. އެއީ ހަމަ ވުން ގާތް ކަމެކެވެ.

މެންބަރު ނާޒިމް މިނިވަން ވުމަށް އޮތް ހަމައެކަނި ގޮތަކީ، ސުޕްރީމް ކޯޓުން އެމަނިކުފާނު ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ބާތިލްކުރުމެވެ. އެކަން އެގޮތަށް ކުރެއްވެން އޮތީ ޕީޖީ އޮފީހުން އެ މައްސަލަ އަލުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުންނެވެ. ރާއްޖޭގެ ސިޔާސީ މަސްރަޚްގައި ކަންތައް ހިނގާ ގޮތަށް ބަލާއިރު އެއީ ނުވާނެ ކަމެއް ކަމުގައި ނިންމޭކަށް ނެތެވެ.

ޕީއޭ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނި ގޮތުގައި ނާޒިމް ޖަލަށް ދާން ޖެހުނީ "އަދީބުގެ ނުފޫޒުން" ކަމަށާއި ނާޒިމް ޖަލަށް ލުމަށް ހުކުމް ކުރުމާއި ގުޅިގެން އެއްވެސް އިރެއްގައި ރައީސް ޔާމީން އުފާކުރައްވާފައި ނުވާކަމަށެވެ.

" އަދީބުގެ ނުފޫޒުން އައި ހުކުމެއް އެއީ. ރައީސް ޔާމީން އުފާކުރެއްވި ކަމެއް ނޫން އެއްވެސް ދުވަހެއްގައި. އެކަމަކު މި ދަނޑިވަޅުގައި ބައްދަލުކުރައްވާނެއޭ ބުނަން ވަރަށް ދަތި. ނާޒިމް އަށް އެހާ ފަސޭހަ އެކޭ ނުބުނާނަން"

އަދީބުގެ "ބޭވަފާތެރިކަމުގެ" ސިލްސިލާއަށް ފަހު ރައީސް ޔާމީންގެ ދުވަސްވީ އެކުވެރިން އެމަނިކުފާނުގެ ސަރުކާރުގެ މަޤާމުތަކަށް އަންނަމުންދާ އިރު، ހަމަ އެގޮަތަށް ރައީސް ޔާމީންގެ "އެކްސް ބެސްޓްފްރެންޑް" އަލުން "ބެސްޓް ފްރެންޑް" އަށް ބަދަލުވެދާނެއެވެ.

ސިންގަޕޫރަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅަކީ، އެމަނިކުފާނާއި މެންބަރު ނާޒިމްގެ "ބެސްޓްފްރެންޑްސް ރީޔޫނިއަން" ރަސްމިއްޔާތުގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.