Last Updated: July 8, 04:01
Tuesday, July 7, 2026
ޚަބަރު

މާލީ ހޭލުންތެރިކަން އިތުރުކުރަން ޕްރޮގްރާމެއް

ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖޭގައި މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގުމަށް، ޑިޖިޓަލް ޕޭމަންޓް ހައްލުތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ އިސް ސަފުގައި ހިމެނޭ ވިސާއާއެކު ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްފި އެވެ.

މި ޕްރޮގްރާމް އިފްތިތާހުކޮށް، އެއްބަސްވުމުގައި ސޮއިކުރެއްވީ ވިސާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރ އަވަންތި ކޮލަމްބަގެ އާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެންނެވިއެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމުގެ ދަށުން ޒުވާނުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ތައުލީމީ އިދާރާތަކާއި އެކިއެކި މުޖުތަމައުތަކުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލްއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން، ވިސާގެ ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމްގެ 'ޕްރެކްޓިކަލް މަނީ ސްކިލްސް' އަދި 'ޕްރެކްޓިކަލް ބިޒްނަސް ސްކިލްސް' ސެޝަންތައް ރާއްޖޭގައި ހިންގާނެ އެވެ. މި ސެޝަންތަކުގައި ބަޖެޓްކުރުމާއި ފަހަށް ރައްކާކުރުމާއި ދަރަނި ހެޔޮގޮތުގައި މެނޭޖްކުރާނެ ގޮތާއި ރަނގަޅުގޮތުގައި ބޭނުންކުރާނެ ގޮތްތައް ކިޔައިދެވޭނެ އެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ފައިސާ މެނޭޖްކުރާނެ ގޮތުގެ އިރުޝާދުތަކާއި ކޭޝް ފްލޯ މެނޭޖްކުރާނެ ގޮތާއި، އަގު ކަނޑައެޅުމާއި، ޑިޖިޓަލް ޕޭމަންޓް އަދި ކަސްޓަމަރުން އިތުރުކުރާނެ ގޮތްތަކާއި ވިޔަފާރީގެ އުކުޅުތައްވެސް ކިޔައިދެވޭނެ އެވެ.

ބޭންކުގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި މުހިންމު މަސައްކަތަށް ވިސާއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރެވޭކަމީ ލިބޭ ފަޚުރެއް ކަމަށާއި ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަކީ ބޭންކުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ.

"މި ޕްރޮގްރާމަކީ އަންނަން އޮތް ޖީލުތަކަށް މާލީ ކަންކަމުގައި ހޭލުންތެރިކަމާއެކު ގޮތް ނިންމުމުގައި އެހީތެރި ވުމަށް ބޭންކުން ދޭ އިސްކަން ހާމަކޮށްދޭ ޕްރޮގްރާމެއް. ދަރިވަރުންނަށް ހަރުދަނާ މާލީ ބިންގާއެއް އެޅުމަށް އެހީތެރިވެރިވެދިނުމަކީ މި ގައުމުގެ އިގްތިސާދު ހަރުދަނާކުރުމަށް ދިގުމުއްތަކަށް އެޅޭ މުހިންމު ފިޔަވަޅެއް." ޝަރީފް ވިދާޅުވި އެވެ.

ވިސާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރ އަވަންތި ކޮލަމްބަގެ ވިދާޅުވީ، މާލީ ހޭލުންތެރިކަމަކީ ހަރުދަނާ އިގްތިސާދުގެ ކުރިއެރުމެއް އެޅޭ މުހިންމު ބިންގާއެއް ކަމަށާއި ވިސާގެ 'ޕްރެކްޓިކަލް މަނީ ސްކިލްސް އަދި ޕްރެކްޓިކަލް ބިޒްނަސް ސްކިލްސް' ޕްރޮގްރާމް، ރާއްޖެއަށް ތައާރަފްކުރުމާއެކު، އާންމު ފަރުދުންނާއި ކުދި ވިޔަފާރިތައް ބާރުވެރިކުރުވައި، ދެމެހެއްޓެނިވި އަދި މާލީ ގޮތުން އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ގާބިލު ޑިޖިޓަލް މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

"މި މަސައްކަތަކީ ރާއްޖެއަށް ޑިޖިޓަލް ބޮޑު އިންގިލާބެއް ގެނުވައި ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން ސިނާއަތްތަކާއެކު ރަނގަޅު އިގްތިސާދެއް ބިނާކުރުމަށް ރާއްޖޭގެ ދިގު ރާސްތާ ޕްލޭނަށް އެހީތެރިވުމަށް އަޅުގަނޑުމެންދޭ އަހުމިއްޔަތުކަން ހާމަވާ ކަމެއް." އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކި އުމުރުފުރާތަކުގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް އެކި ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ބޭންކުން ވަނީ ސްކޫލުތަކާއި އެކި މުޖުތަމައުތަކުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް 200 އަށް ވުރެ ގިނަ ސެޝަންތައް ހިންގާފައެވެ.