އާ ފުރެން މެދުވެރިވަނީ ޢާންމު ގޮތެއްގައި ދެ ސަބަބެއް މެދުވެރިވެގެންނެވެ.
ފުރަތަމަ އަދި އެންމެ ޢާންމު ސަބަބަކީ ހަށިގަނޑަށް ވަރުބަލިކަން ލިބި ފޫހިވުމެވެ. އަދި ފިކުރުބޮޑުވުން ފަދަ ސަބަބުތަކެވެ. ދެވަނަ ސަބަބެއް ކަމުގައި ފާހަގަ ކުރެވިފައި ވަނީ އިންސާނާ އަށް ކުރިމަތިވާ ރޫޙާނީ ކަމެއްގެ ސަބަބުންނެވެ. އެއީ ޙަސަދަ އާއި އެސްފީނާ އެވެ. ނުވަތަ ޝައިޠާނާގެ ކިބައިން އަންނަ އުދަނގުލެއްގެ ސަބަބުންނެވެ.
އާ ފުރުމާއި މެދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
التَّثَاؤُبُ مِنَ الشَّيْطَانِ فَإِذَا تَثَاءَبَ أَحَدُكُمْ فَلْيَرُدَّهُ مَا اسْتَطَاعَ فَإِنَّ أَحَدَكُمْ إِذَا قَالَ هَا ضَحِكَ الشَّيْطَانُ - صحيح البخاري 3289
މާނައީ: ”އާފުރުމަކީ ޝައިޠާނާގެ ކިބައިން މެދުވެރިވާ ކަމެކެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކު އާފުރޭނަމަ ކުޅަދާނަވީ ވަރަކުން އެކަން ހުއްޓުވަން މަސައްކަތް ކުރާށެވެ. ފަހެ ހަމަކަށަވަރުން މީހަކު އާފުރޭ ހިނދު ’އާ‘ މިފަދައިން ކިޔާ ނަމަ ޝައިޠާނާ (އެކަމާ އުފާކޮށް) ހޭނެތެވެ.”
ޚާއްޞަކޮށް ނަމާދު ކުރުމާއި ޤުރުއާން ކިޔެވުން ފަދަ އަޅުކަންތައް ތަކުގައި މިކަން އާދަޔާޚިލާފަށް ފާހަގަ ކުރެވޭ ނަމަ އެއީ ޝައިޠާނީކަމެއް ކަމުގައި ބެލެވިދާނެއެވެ. ހަމަ އެހެންމެ ފާހަގަ ކޮށްލަން ބޭނުން އަނެއް ކަމަކީ ޝައިޠާނީ ކޮންމެ އުދަނގުލަކީ ސިހުރު ހާހޫރައަކަށްވުން ލާޒިމު ނުވާނެ ކަމެވެ. މިގޮތަށް އާދަޔާ ޚިލާފަށް ގިނައިން އާ ފުރުމުގައި އެންމެ ގިނައިން އެކަން ދިމާވާ ސަބަބަކީ އެސްފީނާ އަދި ޙަސަދައެވެ. މިގޮތަށް ދިމާވާނަމަ ރުޤްޔާކޮށްލުން ރަނގަޅު ވާނެ އެވެ.
އާފުރޭހިނދު ޢަމަލުކުރާނެ ގޮތްވެސް އިސްލާމްދީނުގައި ވަނީ އަންގަވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
إِذَا تَثَاوَبَ أَحَدُكُمْ فَلْيُمْسِكْ بِيَدِهِ عَلَى فِيهِ فَإِنَّ الشَّيْطَانَ يَدْخُلُ- صحيح مسلم 2995
މާނައީ: ”ތިޔަބައިމީހުން ކުރެ މީހަކު އާފުރޭ ހިނދު، އަނގަމަތީގައި އަތް އަޅާ ނިވާކުރާހުށިކަމެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނާ އަނގައިގެ ތެރެއަށް ވަދެއެވެ”.
އާފުރޭ ހިނދު އަނގަ މަތީގައި އަތް އަޅާއިރު ވައަތް އެޅުން މުސްތަޙައްބުވެގެންވެ އެވެ. ވައަތް ނޭޅޭ ނަމަ ކަނާއަތް އެޅުމަކުން ވެސް މައްސަލައެއް ނެތެވެ. މިކަމުގައި މުހިންމީ އަނގަ ހުޅުވިއްޖެ ނަމަ ކޮންމެ އަތަކުން ވިޔަސް ފޮރުވުމެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަ ފަދައިން އާފުރޭ ހިނދު އަޢޫޛު ކިޔުމަކީ އެއީ ޘާބިތު ކަމެއް ނޫނެވެ.
މަރްޖިޢު
“فتاوى اللجنة الدائمة” (6/383)
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.