Last Updated: July 8, 04:01
Tuesday, July 7, 2026
ޚަބަރު

ކުރިއަށް އޮތީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަސްތަކެއް

މިނިސްޓަރު އަހުމަދު ޝިޔާމް މަސްވެރިންނާއެކު- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ކުރިއަށް އޮތީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަސްތަކެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ، މަސް ގަންނަ ކުންފުނިތަކަށް ވިއްކާފައިވާ ކަންނެލީގެ ފައިސާ ނުލިބި ދިގުލާދާ މައްސަލަ އާއި މަސްވެރިކަން ރަނގަޅުވާ ވަގުތު ކަންނެލީގެ އަގު ދަށްވާ މައްސަލަ ކަމަށެވެ. މި މައްސަލަތައް ހައްލުކުރުމަށް މަސްވެރިން ސަރުކާރަށް ހުށަހަޅާފައިވަނީ، ކަންނެލީގެ ވިޔަފާރީގައި ސަރުކާރުގެ ދައުރު ފުޅާކުރުމަށް ސަރުކާރުން އިސްނަގައި އަދި މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ވީހާވެސް އަވަހަކަށް ތަންފީޒުކޮށްދިނުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން ދަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރަން ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭ ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ކަމަށެވެ.

މިދިޔަ އަހަރު ޖޫން މަހުން ފެށިގެން ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުންދިޔަ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދާ އެކު މާލެ އޭރިޔާގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމް އެސްޓީއޯއިން ހަމަޖައްސާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ހަމަޖެހިގެންދާނެ އެވެ. އަދިވެސް ސިނާޔަތުގެ ތަރައްގީއަށް ގިނަ ކަންކަން ހުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ކުރިއަށް އޮތީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަސްތަކެއް ކަމަށާއި މި ސަރުކާރަކީ ރާއްޖޭގެ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މައުނަވީ ހައްލެއް ހޯދައިދޭނެ ސަރުކާރެއް ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.