ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހަށް އެމެރިކާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން، ވަދާޢީ ޒިޔާރަތެއް ކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުމުގައި ވާހަކަދައްކަމުން މިނިސްޓަރު ޚަލީލް ވަނީ ހޫގޯ ޔޮންގެ ސަފީރުކަމުގެ ދައުރުގައި އެމަނިކުފާނު ކޮށްދެއްވާފައިވާ މުޙިންމު މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ކުރިއެރުވުމަށްޓަކައި ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފަ އެވެ.
އެމެރިކާގެ ސަފީރު ހޫގޯ ޔޮންގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހި ސަރުކާރުން ބެހެއްޓެވި ގާތްކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ދެއްވި އެއްބާރުލެއްވުމަށް ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވި އެވެ.
ޚަލީލް ވަނީ އެމެރިކާ ސަފީރުކަމުގައި ހޫގޯ ޔޮން ހުންނަވައިގެން ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި ރާއްޖެ އާއި އެމެރިކާއާ ދެމެދުގައިވާ އޮތް ވަރުގަދަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވެފަ އެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން، ޚަލީލްވަނީ، އެމެރިކާގެ ސަފީރު އެމަނިކުފާނުގެ ދައުރުގައި ބެހެއްޓެވި ގާތް ރަޙްމަތްތެރިކަން ފާހަގަކުރައްވާފައެވެ. އަދި ސަފީރަށް ކުރިއެރުމާއި ކާމިޔާބީ އަށް އެދިވަޑައިގެން، އެމެރިކާ ސަރުކާރުން ރާއްޖެއަށް ދެން ކަނޑައަޅުއްވާ އައު ސަފީރަށްވެސް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.