އަދުލުވެރިކަމާއި، އިންސާނީ ކަރާމާތާއި، ހަމަހަމަކަން ދެމެހެއްޓުމުގައި ރާއްޖެއިން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކުރައްވައިފި އެވެ.
މިއަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރަމުންދާ މުނާސަބަތާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި މެސެޖުގައި އިންސާނީ ހައްގުތަކަކީ ސުލްހަމަސަލަސްކަމާއި، ދެމެހެއްޓެނިވި ތަރައްގީގެ ބިންގާ ކަމުގައި ވިދާޅުވި އެވެ. މި ހައްގުތަކަކީ ތަސައްވުރުގެ ހިޔާލުތަކެއް ނޫން ކަމަށާއި އެއީ ކޮންމެ ފަރުދަކުވެސް ގަދަރާއި އުއްމީދާއެކު ދިރިއުޅެވޭނެ އަސާސީ ހިމާޔަތްތަކެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނުގެ މެސެޖުގައި ބައްލަވާލެއްވި އެވެ. އެގޮތުން ތައުލީމާއި، ސިއްހީ ހިދުމަތާއި، އިޖުތިމާއީ ރައްކާތެރިކަން ފަދަ އަސާސީ ހިދުމަތްތައް މިހާރަށް ވުރެ ފުޅާކޮށް ހަމަހަމަކަން ގާއިމުކުރުމަށާއި، މުޖުތަމައުގައި ނާޒުކު ހާލަތުގައި ތިބި ފަރުދުން ހިމާޔަތް ކުރުމަށާއި، އަސާސީ މިނިވަންކަން ނެގެހެއްޓުމަށް ގާނޫނީ އަދި މުއައްސަސާތަކުގެ އޮނިގަނޑުތައް ހަރުދަނާ ކުރެއްވުމަށް އަދުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ހަރަކާތްތެރިވުމުގެ އިތުރުން ދިވެހިރާއްޖެއަކީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގައުމެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ މުއާމަލާތްތައް ހަރުދަނާކޮށް ހައްގުތައް ރައްކާތެރިކުރުމުގެ މަޝްވަރާތަކާއި، ނިންމުންތައް ނިންމުމުގައި ރާއްޖެއިން، ވަކިން ހާއްސަކޮށް އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައިވެސް ދިވެހިރާއްޖެ، ވަރަށް އިސް ސަފުގައި ހަރަކާތްތެރިވަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ. މިކަމުގައި ދިވެހިރާއްޖޭގެ ބައިވެރިވުން ރަމްޒުކޮށްދެނީ، އިންސާނީ ހައްގުތަކަކީ ސަރަހައްދީ އިމެއް އެކަމުގައި ނެތް އަދި އެ ހައްގުތައް ހިމާޔަތްކުރުމުގައި ގައުމުތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފަލަސްތީނުގެ ހާލަތަށް އަލިއަޅުވާލައްވަމުން އިންސާނީ ހައްގުތަކަކީ ބައިބައި ނުކުރެވޭނެ ހައްގުތަކެއް ކަމަށާއި، އިންސާނީ ހައްގުތަކަކީ އެއްވެސް ބައެއްގެ ކިބައިން އެ ހައްގުތައް ނިގުޅައިގަނެވިއްޖެ ނަމަ، ބައިނަލްއަގްވާމި ފެންވަރުގައި އެ ހައްގުތަކަށް ފުރިހަމައަށް އިހްތިރާމް ކުރެވޭ ކަމަށް ބުނެވޭނެ ފުރުސަތު ނެތް ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. ހަމަމިއާއެކު، ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން އަސާސީ ހައްގުތައް ނިގުޅައިގަތުމަކީ، އިންސާފާއި އިންސާނީ ކަރާމާތާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމުގައި، ދިވެހިރާއްޖެއިން އަބަދުވެސް ތާއީދު ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ.
މި ދުވަހުގެ މުހިއްމުކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަދުލުވެރިކަމާއި، ހަމަހަމަކަމާއި، އޯގާތެރިކަން ކުރިއަރުވައި ދެމެހެއްޓުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތައް ކުރިއަރުވައި ހޭލުންތެރިކަން އިތުރުކުރުމަށް، ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ އިންސާނީ ހައްގުތަކުގެ ދުވަހުގެ ގޮތުގައެވެ.