Last Updated: July 8, 04:01
Wednesday, July 8, 2026
ޚަބަރު

ކަސްޓަމްސް އިން ލަންކާއަށް 135،700ރ. ހަދިޔާކޮށްފި

ކަސްޓަމްސްގެ މުވައްޒަފުންގެ ފަރާތުން ސްރީ ލަންކާއަށް 135،700 ރުފިޔާ ހަދިޔާކޮށްފި އެވެ.

ކަސްޓަމްސް އިން އެ ފައިސާ ހަވާލުކުރީ ރާއްޖޭގައި ހުންނަ ސްރީލަންކާ ހައިކޮމިޝަނާ އެވެ.

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް އެހީގެ ގޮތުގައި މިހާތަނަށް 6.5 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ލިބިފައިވާއިރު، އެގައުމަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ ރާއްޖެއިން ކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ލަންކާގެ ނޫހެއް ކަމަށްވާ "ސިލޯން ޓުޑޭ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލިބުނު އެހީގެ ތެރެއިން އެންމެ ބޮޑު މާލީ އެހީއެއް ކަމަށްވާ 2.4 މިލިއަން ޑޮލަރު ހަދިޔާކޮށްފައި ވަނީ ރާއްޖެއިންނެވެ.

ރާއްޖެއިން ދީފައިވާ 2.4 މިލިއަން ޑޮލަރުގެ އެހީގެ ތެރޭގައި ދިވެހި ސަރުކާރުން ހަދިޔާކުރި 50،000 ޑޮލަރާއި ޕީއެސްއެމް އިން އިސްނަގައިގެން ގިނަ މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ’ސިލޯނާއެކު ދިވެހީން‘ ޓެލެތޯނުން ލިބުނު 8 ލައްކަ ޑޮލަރު ހިމެނެ އެވެ. އަދި އަމިއްލަ ވިޔަފާރިތަކުން ވެސް ލަންކާއަށް ބޮޑު އެހީއެއް ދީފައިވެ އެވެ.

ފައިސާގެ އެހީގެ އިތުރުން ރާއްޖެއިން ވަނީ 25،000 މަސްދަޅު ކޭސް ވެސް ލަންކާއަށް އެހީގެ ގޮތުގައި ހަވާލުކޮށްފަ އެވެ.

ސްރީ ލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 600 އަށް ވުރެ މައްޗަށް އަރައިފަ އެވެ.