ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ޗައިނާ އީސްޓާން އެއާލައިންސަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން ޗައިނާ އީސްޓާން އެއާލައިންސަށް ހިދުމަތް ދޭން ފެށުން ފާހަގަ ކުރުމަށް ޓާމިނަލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ.
ޓާމިނަލް 1 އިން ޗައިނާ އީސްޓާން އެއާލައިންސަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން ވަނީ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ޗައިނާ އީސްޓާން އެއާލައިންސްގެ ފުރަތަމަ ފްލައިޓް، EY376 އިން ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ޗައިނާ އީސްޓާން އެއާލައިންސާއެކު ޓާމިނަލް 1 އިން ހިދުމަތް ދެމުން އަންނަ އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 30 އަށް އިތުރުވެފައެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާޢްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމެވެ.