ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީން ފަހަތުން އަރައި 2-1 އިން ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި އަނިޔާގެ ސަބަބުން އަނިޔާގެ ސަބަބުން ރެއާލްގެ ފޯވާޑް ކިލިއަން އެމްބާޕޭ ކުޅެފައި ނުވާއިރު، މި މެޗުގެ 28 ވަނަ މިނެޓްގައި ރެއާލަށް ލީޑު ނަގައިދިނީ ރޮޑްރިގޯ އެވެ. މިއީ ސިޓީގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން ރޮޑްރިގޯ ކާމިޔާބުކުރި ގޯލެކެވެ.
ސިޓީން ނަތީޖާ އެއްވަރުކުރީ މެޗުގެ 35 ވަނަ މިނެޓްގައި ނިކޯ އޮ ރައިލީ ކާމިޔާބުކުރި ގޯލުންނެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން އާލިން ހާލަންޑް ވަނީ ސިޓީއަށް ލީޑު ނަގައިދީފަ އެވެ. މި ޕެނަލްޓީ ސިޓީއަށް ލިބުނީ ހާލަންޑަށް ރެއާލްގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ކުރި ފައުލަކާ ގުޅިގެންނެވެ.
ދެވަނަ ހާފުގައި ރެއާލުން ނަތީޖާ އެއްވަރުކުރަން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން ވިނީޝަސް ޖޫނިއާއަށް ރަނގަޅު ފުރުސަތެއް ލިބުނުއިރު، ދެވަނަ ހާފުގައި ކުޅެން އެރި އެންޑްރިކް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފައިވެ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އާސެނަލުން ވަނީ 3-0 އިން ކްލަބް ބްރޫޖް ބަލިކޮށްފަ އެވެ. ޔުވެންޓަސް އިން 2-0 އިން ޕަފޮސް ބަލިކުރިއިރު، ބަޔާ ލެވަކޫސަން އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަދި ބެންފީކާ އިން ވަނީ 2-0 އިން ނަޕޯލީގެ މައްޗަށް ކުރި ހޯދައިފަ އެވެ.