އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ހިތަދޫ ބޭރުމަތި ދާއިރާ މި ފަހަރު ވެސް އަންހެން ކެންޑިޑޭޓުންނަށް ހާއްސަ ކުރުމުން އެ ދާއިރާގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ކައުންސިލް އިންތިހާބުގެ އައްޑޫ ސިޓީގެ ދާއިރާތައް އެކުލެވިގެންވާ ގޮތް އިލެކްޝަން ކޮމިޝަން (އީސީ) އިން އިއުލާން ކުރި އިރު މި ފަހަރު ވެސް އަންހެނުންނައް ޚާއްސަކޮށްފަ އިވަނީ މިހާރު ވެސް ހާއްސަކޮށްފައިވާ މާމެންދޫ ދާއިރާ އާއި ބޭރުމަތި ދާއިރާ އެވެ.
އެހެންކަމުން މިއީ އަންހެނުން ސިޔާސީ ދާއިރާއަށް ނެރުމުގެ މަގްސަދުގައި ލާމަރުކަޒީ ގާނޫނުން ގެންސްފައިވާ ބަދަލުގެ ރޫހާ ޚިލާފު ކަމެއް ކަމަށް ބުނެ ބޭރުމަތި ދާއިރާގެ ރައްޔިތުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް އެ ނިންމުން ބަދަލު ކުރުމަށް އީސީއަށް ގޮވާލަން ފަށައިފަ އެވެ. އަދި ބޭރުމަތި ދާއިރާގެ ޕީއެންސީ ސްޓިއަރިން ކޮމިޓީން ވަނީ އެ ނިންމުން ބަދަލު ކުރުމަށް ގޮވާލައި އީސީ އަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.
ސްޓިއަރިން ކޮމިޓީން ބުނީ ހިތަދޫގައި ކައުންސިލް އިންތިޚާބުގައި އަންހެނުންނަށް ޚާއްސަ ދެ ދާއިރާ ހިމެނޭހެން ހަ ދާއިރާއެއް ހިމެނޭ އިރު ހަ ދާއިރާތަކުގެ ތެރެއިން ދައުރުވާ ގޮތަށް ކޮންމެ އިންތިޚާބަކު ދެ ގޮނޑިއެއް ތިން ދައުރެއް ތެރޭ ފުރިހަމަ ކުރެވޭނެކަން ބުއްދީގެ ހަމަތަކުން ވެސް އެނގޭ ކަމަށެވެ.
ނަމަވެސް އީސީން ތަކުރާރުކޮށް ބޭރުމަތީ ދާއިރާ އަންހެނުންނައް ޚާއްސަ ކުރަނީ ލާމަރުކަޒީ ގާނޫނުގެ 41 ވަނަ މާއްދާގެ 'ނ' ގައި ބަޔާންކުރާ ރޫހާ ޚިލާފަށް ކަމަށާއި އެ ދާއިރާއަށް ނިސްބަތްވާ ފިރިހެނުންނަށް 10 އަހަރު ވަންދެން އެ ދާއިރާ އަށް ކުރިމަތިލުމުގެ ހައްގު ގެއްލޭ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
ސްޓިއަރިން ކޮމިޓީގެ ފަރާތުން ބުނީ އެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށާއި މީގެ ސަބަބުން 10 އަހަރު ވަންދެން އެ ދާއިރާގެ ފިރިހެނުންނަށް އިންތިޚާބީ ހައްގު ގެއްލިގެން ދާނެ ކަމަށެވެ.
އެހެންވެ މިކަމާމެދު އަމަލުކުރާނެ ގޮތެއް ނިންމުމަށް ރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މިގޮތަށް ފާސްކޮށްފައި ވަނީ ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީން ބުނީ މިއަދާއި ކުރިއަށް އޮތް ހަފުތާ ބަންދުގައި ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށާއި ޕެޓިޝަން ހުށަހަޅަން ގަސްތު ކުރަނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ.
"ބޭރުމަތި ދާއިރާގައި ވޯޓު ލެވޭ އާބާދީ އަކީ ގާތްގަނޑަކަށް 1800 މީހުން. އަޅުގަނޑުމެންނަށް އުންމީދު އެބަ އޮތް 1000 އަށް ވުރެ ގިނަ ސޮއި ލިބޭނެ ކަމަށް،" ކޮމިޓީން ބުންޏެވެ. " އަޅުގަނޑުމެން މި ދަންނަވަނީ އަންހެން މެންބަރުންނަށް ކުރިމަތިލެވޭ ދާއިރާ އަކީ ޖެހިޖެހިގެން ދެ ފަހަރު އެއް ދާއިރާއަށް ވެގެން ނުވާނެއޭ. އަޅުގަނޑުމެންގެ ދާއިރާގެ މެޖޯރިޓީ ރައްޔިތުން މިކަމާ އެއްބަސްވޭ."
މިކަމާ މެދު ދާއިރާގެ އާންމު ރައްޔިތުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ދާއިރާގެ ރައްޔިޔަތު 'އައްޑޫ ލައިވް' އަށް ބުނީ މިކަމުގެ ސަބަބުން ސިޔާސީ ދާއިރާއަށް ނުކުންނަށް ބޭނުންވާ ގާބިލް ޒުވާނުންނަށް ފުރުސަތުތައް ގެއްލޭނެ ކަމަށެވެ.
"އުސޫލުގަޢީ އެބަ ބުނޭ މިގޮތަށޭ އަމަލު ކުރަން ޖެހޭނީ އެގޮތަށް ނޫން މިހާރު އިއުލާން އެ އޮތީ. ޒުވާން ކުދިން އެބަ ތިބި ގާބިލް ކުދިން މި ދާއިރާގަ އެބަތިބި ސިޔާސީ މަސައްކަތަށް ނުކުންނަން ބޭނުންވާ،" އޭނަ ބުންޏެވެ. "އެހެންވީމަ އަހަރުމެން ބޭނުމެއް ނުވޭ އެ އިންތިޚާބީ ހައްގު ގެއްލޭކަށް."
ދާއިރާތައް ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލު ގައި ބުނެފައި ވަނީ ސިޓީ ކައުންސިލްތަކުގެ އަންހެނުންނަށް ޚާއްސަ ގޮނޑި ފުރަތަމަ ފަހަރަށް ކަނޑައެޅުމަށް ފަހު ޖެހިގެން އަންނަ ދައުރުތަކުގައި އެ ސިޓީއެއްގައި ހިމެނެ ހުރިހާ ދާއިރާއެއް ހަމަހަމަވާނެ އުސޫލަކުން ދައުރު ކުރެވޭނެ ކަމަށެވެ.
މިހާރު ކަނޑައަޅާފައިވާ ގޮތަށް އަމަލުކޮށްފި ނަމަ މިއީ މޫލެކެޑެ ދާއިރާ އަދި ކޮރޮވައު ދާއިރާ އިން ސިޓީ ކައުންސިލަށް ވާދަ ކުރުމުގެ ފުރުސަތު އެއްވެސް އަންހެން ކެންޑިޑޭޓަކަށް ނުލިބި ބާއްވާ ދެވަނަ އިންތިޚާބަށް ވާނެ އެވެ. އަދި ދެން އެ ދާއިރާ އަށް ނިސްބަތްވާ އަންހެނުންނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ 2031 ގައެވެ. މިއީ ގާނޫނުގެ ދަށުން އަންހެނުން ސިޔާސީ ދާއިރާއަށް ނެރުމަށް ފަހިކޮށްދިންތާ 10 އަހަރު ފަހެވެ.
އެހެންކަމުން އީސީގެ މި ނިންމުމުގެ ސަބަބުން މިހާރު ކަނޑައަޅާފައިވާ ދާއިރާތަކުގެ ފިރިހެނުންނަށާއި އެހެން ދާއިރާތަކުގެ އަންހެނުންނަށް ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާން ފުރުސަތަކަށް އެދި ތިބި މީހުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ބުނެ ދާއިރާގެ ރައްޔިތުން ވަނީ މިކަމާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރިލް 4 ގަ އެވެ.