ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ މީހުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި "ޝޮޕަހޮލިކް" ވާހަކަ ސީރީޒްގެ ލިޔުންތެރިޔާ ސޯފީ ކިންސެލާ މަރުވެއްޖެ އެވެ.
އިނގިރޭސި ލިޔުންތެރިޔާ އުމުރުން 55 އަހަރުގައި މަރުވީ ސިކުނޑީގެ ކެންސަރަކަށް 2022 އިން ފެށިގެން ފަރުވާ ހޯދަމުން ދަނިކޮށް އިއްޔެ އެވެ. ސޯފީ މަރުވި ވާހަކަ އޭނަގެ އާއިލާގެ ފަރާތުން އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.
އަސްލު ނަމުން ނަމަ މެޑެލީން ސޯފީ ވިކަމް އަކީ ލަންޑަނަށް އުފަން ލިޔުންތެރިއެކެވެ. އޭނަގެ "ޝޮޕަހޮލިކް" ވާހަކަ ސީރީޒްގެ ދަަށުން ޖުމްލަ 10 ވާހަކަ ގެނެސްދީފައިވެ އެވެ. އެގޮތުން އެ ސީރީޒްގެ އެންމެ ފުރަތަމަ ފޮތަކީ 2000 ގައި ނެރުނު "ދަ ސީކްރެޓް ޑްރީމްވޯލްޑް އޮފް އަ ޝޮޕަހޮލިކް" އެވެ.
މި ސީރިޒްގެ އެންމެ ފަހު ވާހަކަ އަކީ 2019 ގެ "ކްރިސްމަސް ޝޮޕަހޮލިކް" އެވެ.
ދެހާސް ނުވައެއްގެ ރޮމޭންޓިކް ކޮމެޑީ ފިލްމު "ކޮންފެޝަންސް އޮފް އަ ޝޮޕަހޮލިކް" އަކީ ސޯފީގެ ވާހަކަ ސީރީޒްގެ ފުރަތަމަ ބަޔާއި މީގެ ދެވަނަ ވާހަކަ 2001 ގެ "ޝޮޕަހޮލިކް އެބްރޯޑް" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
ފަސް ކުދިން ތިބި ސޯފީ ނެރެފައިވާ އެހެން ވާހަކަތަކުގެ ތެރޭގައި 2008 ގެ "ރިމެމްބާ މީ؟" އާއި 2009 ގެ "ޓްވެންޓީސް ގާލް" އާއި 2011 ގެ "އައި ހޭވް ގޮޓް ޔޯ ނަމްބާ" އަދި މިދިޔަ އަހަރުގެ "ވަޓް ޑަޒް އިޓް ފީލް ލައިކް؟" ހިމެނެ އެވެ.