Last Updated: June 6, 18:54
Saturday, June 6, 2026
ރިޕޯޓް

އައްޑޫ ހައި ސްކޫލް އެންމެންގެ ރާޑަރަށް، ހުތުރުކޮށް!

އައްޑޫ ހައި ސްކޫލްގެ ދަރިވަރަކާއި ޓީޗަރަކާ ދެމެދު ކްލާސްރޫމެއްގެ ތެރޭގައި ހިނގައި ދިޔަ މާރާމާރީއެއްގެ ވީޑިއޯއަކާ އެކު ބޮޑު ބަހުސެއް މި ވަނީ ފެށިފަ އެވެ. ސޯޝަލް މީޑިއާ ހާވާލާ އިރު، މިހާރު އެންމެ ހޫނުކޮށް ދެެކެވޭ އެއް ވާހަކަ އަކީ މިހާރު މި ވާހަކަ އެވެ.

މި މާރާމާރީއާ ގުޅިގެން އިންޑިއާގެ ޓީޗަރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނަނީ މިކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އިއްޔެ އާންމުވި ވީޑިއޯ އިން ދަރިވަރާއި ޓީޗަރާ ދެމެދު މާރާމާރީ ހިންގައި އެކަކު އަނެކަކު ގަޔަށް އަތްލައި ތަޅާފޮޅާ ތަން ފެނެ އެވެ. ކްލާސްރޫމްގެ ތެރޭގައި އެހެން ދަރިވަރުންތަކެއް ވެސް ތިބެ އެވެ. އަދި ޓީޗަރާ ތަޅާފޮޅުނު ދަރިވަރާ ގާތުގައި ކުޅިބަލަން އެހެން ދަރިވަރުންތަކެއް ތިބޭ ތަން ވެސް ފެނެ އެވެ.

މި ވީޑިއޯ އާންމުވި ފަހުން، ހަމަ "ވަރަށް އަވަސް ފިޔަވަޅެއް" ގެ ގޮތުން ޓީޗަރު ސަސްޕެންޑްކުރި ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން ބުނުމާ އެކު، ވީޑިއޯ އިން ފެންނަ މަންޒަރުތަކާއި ޓީޗަރަަށް "ވަގުތުން" އެޅި ފިޔަވަޅު އިންސާފުވެރި ނޫން ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އިއްޔެ އާންމުވި ވީޑިއޯގެ ފަހުން މިފަދަ މަންޒަރުތަކެއް ފެންނަ އިތުރު ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯތަކުން ފެންނަނީ ޓީޗަރާ "އަދަބެއް އަހްލާގެއް ނެތް" ދަރިވަރަކު ތަކުރާރުކޮށް، އެކި ދުވަސްމަތިން ޓީޗަރާ ދިމާކޮށް، ބުލީކޮށް، ފުރައްސާރަކޮށްފައި ތަނެވެ. ސީދާ ޓީޗަރުގެ ގަޔަށް މި ދަރިވަރު އެތައް ދުވަހެއްގައި އަތްލާފައިވާކަން މި ވީޑިއޯތަކުން އެނގެ އެވެ.

އެހެންވެ މި ދަރިވަރާ ޓީޗަރު މާރާމާރީ ހިންގަން ޖެހުނީ މިކަން "ހައްދުން ނައްޓައިގެން ދިއުމުން" ކަމަށް ގަބޫލުކުރެ އެވެ. ޓިޗަރަކީ ވެސް އިންސާނެކެވެ. މީހަކަށް ކެތްކުރެވޭނީ ވެސް ވަކި ވަރަކަށެވެ.

މި ވީޑިއޯތައް ބަލައިލުމުން މީހަކު ކޮސްވެ އަންތަރީސްވެދާނެ އެވެ. ލަދެއް ހަޔާތެއް ނެތި ދަރިވަރުން ޓީޗަރުންގެ ގަޔަަށް ބޮލަށް އެރުމަކީ ދިވެހި މުޖުތަމައަށް ބަލާ އިރު ވަރަށް ވެސް ގޮތެއްފޮތެއް ނެތް ވިޔާނުދާ އަމަލެކެވެ. މިއީ މުޖުތަމަމު ހަގީގަތުގައި ބަލައިގަންނާނެ ކަމެއް ނޫނެވެ. ޓީޗަރުންނަކީ ކުދިންގެ ދެވަނަ ބެލެނިވެރިންނެވެ. ސްކޫލަކީ ކުދިންގެ ދެވަނަ ގެ އެވެ.

ނަމަވެސް އެތަނަށް ދަރިވަރުން ގޮސް ޓީޗަރުންގެ ގަޔަށް ބޮލަށް އެރުމަކީ ހަމަ ހަގީގަތުގައި ވެސް ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ. ރާއްޖޭގައި ވަރަށް ގިނަ އަދަދަކަށް ބިދޭސީ ޓީޗަރުން މަސައްކަތް ކުރެ އެވެ. މީގެ ތެރޭގައި އަވައްޓެރި އިންޑިއާގެ ދެ ޖިންސުގެ ޓީޗަރުން ނިސްބަތުން ހިމެނެ އެވެ.

ޓީޗަރުންނަކީ ދަރިވަރުން އަދަބު އިހުތިރާމު ކުރަން ޖެހޭ ބައެކެވެ. އެއީ ވަކި ގައުމެއްގެ މީހަކަށްވީތީ، ނުވަތަ ވަކި ދީނެއްގެ މީހަކަށްވީތީ ނުވަތަ އެ މީހަކު ހުރި ސިފައެއްގެ ސަބަބުން އެ ގަދަރާއި އިހުތިރާމު ނަގައިލެވިގެން ވާނެ މީހެއް ނޫނެވެ.

ރާއްޖޭގައި އޭ ލެވެލް އަށް ކިޔަވައިދޭ އެންމެ ފާހަގަކޮށްލެވޭ އެއް ސްކޫލް ކަމަށްވާ އައްޑޫ ހައި ސްކޫލްގައި ހިނގާފައި މިއޮތީ ނުވަތަ ހިނގަމުން އައިސްފައި މިއޮތީ ވަރަށް ވެސް ނުބައި މިސާލެކެވެ. މިކަމުގެ ޒިންމާ ހަމައެކަނި ސްކޫލާއި ޓީޗަރުންގެ ބޮލުގައި އަޅުވާފައި ނިންމައިލެވިގެން ނުވާނެ އެވެ.

މައިންބަފައިން ބެލެނިވެރިން ކޮބައި ހެއްޔެވެ؟ އެ މީހުންގެ ޒިންމާ ކޮބައި ހެއްޔެވެ؟ ދަރިން ރަނގަޅު ގޮތުގައި އެބަ ތަރުބިއްޔަތު ކުރެވޭ ހެއްޔެވެ؟ ގައިމު ވެސް އައްޑޫ ހައި ސްކޫލު ތެރެއިން މި ފެންމަތިވި މައްސަލަ އާއި ފެންނަން ހުރި ވީޑިއޯތަކުން ދައްކުވައިދޭ މަންޒަޒުތަކަށް ބަލާ އިރު، މިއީ އެއްވެސް ބެނިވެރިޔަކު އެ މީހެއްގެ ދަރިއެއްގެ ފަރާތުން ދެކެން އެއްގޮތަކަށް ވެސް ބޭނުން ވާނެ މަންޒަރެއް ނޫނެވެ.

ވަރަށް ވެސް ލަދުވެތި، ހިތާމަހުރި ކަމެކެވެ. ރާއްޖޭގެ ކުރިއަށް އޮތް މި ޖީލުގެ ފަރާތުން ފެންނަ މިފަދަ އަމަލުތަކާ މެދު ފާރަވެރިވާކަށް ނުވޭތޯ އެވެ؟ ސްކޫލްތަކަށް ގޮސް ޓީޗަރުންނާ ބެހި ގަޔަށް ބޮލަށް އަރައި މާާރާމާރީ ހިންގާ ނަމަ، މިކަމުން ދައްކުވައި ދެނީ ކޮން ކަމެއް ހެއްޔެވެ؟

އިހުތިރާމު ކުރުމުގެ ކަންފުޅެއް ވެސް ނެތީ އެވެ. އިންސާނިއްޔަތު ކަމެއް ވެސް ނެތީ އެވެ. އަހަރެމެންގެ އަހުލާގީ ފެންވަރާ މެދު އެތައް ސުވާލެކެވެ. ދަރިވަރުން ތިބެން ވާނީ ދަރިވަރުންގެ ގޮތުގަ އެވެ. ހުރަސްކޮށްގެން ނުވާނެ ރަތް ރޮނގެއް އޮންނާނެކަން ދަރިވަރުންނަށް ވެސް އެނގެން ވާނެ އެވެ.

އައްޑޫ ހައި ސްކޫލް ތެރެއިން އާންމުވި މި "ހުތުރު" މަންޒަރުތަކާ އެކު، ހަމައެކަނި ސްކޫލާއި ޓީޗަރުންނާ ދިމާއަށް އަހަރެމެން އިނގިލި ދިއް ކުރާނީ ހެއްޔެވެ؟ ދަރިވަރުންގެ ހައްގުގައި ބަޔަކު ވާހަކަ ދައްކާ ނަމަ، ދަރިވަރުންގެ އަހުލާގާއި ތަރުބިއްޔަތާ މެދު ވެސް އަމުދުން ވާހަކަ ދައްކަން އެބަ ޖެހެ އެވެ.

ޔަގީންވާ ކަމަކީ މިފަދަ ކަންކަން މިހާރު "މާ ބޮޑު ކަމަކަށް ނުވެ" އޮތް ކަމެވެ. އެންމެން ވެސް ހައްގުތަކާއި އިންސާފާއި ހަމަހަމަކަމުގެ ވާހަކަ ދައްކާ އިރު، މިފަދަ ހާދިސާތަކުގައި އެއް ފަރާތަކަށް ބުރަވެ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ޒިންމާދާރުކަމާ އެކު ނިންމުންތައް ނިންމަން ޖެހެ އެވެ.

އައްޑޫ ހައި ސްކޫލްގެ މި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން މިކަން ހިނގާފައި އޮތް ގޮތްް ވަރަށް ރަނގަޅަށް ބަލަން ޖެހޭނެ އެވެ.