Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

މިނިސްޓްރީތަކެއްގައި ރޯވެފައިވާތީ ޗައިނާ އިިން އެހީ

މިދިޔަ އަހަރުގެ ފަހުކޮޅު މިނިސްޓްރީންތަކެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިފައިވާތީ އެކަމަށް ޗައިނާ އިން އެހީގެ ތަކެތި ދީފި އެވެ.

އެ ގައުމުން ވަނީ 2.8 މިލިއަން ޑޮލަރުގެ ތަކެތި ދީފަ އެވެ. މި އެހީ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ކޮންގް ޝިންހުއާ އެވެ.

އެހީގެ ތަކެތި ރަސްމީކޮށް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި އެހީތެރިކަމުގެ ސަބަބުން ސަރުކާރުގެ މުހިންމު މަސައްކަތްތައް އަލުން ފެށުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. މި ކުއްލި އެހީގެ ޕެކޭޖްގައި ހާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭނުންވާ އޮފީސް ސާމާނާއި ފަރުނީޗަރު ހިމެނެ އެވެ.

ޒަމީރު ވިދާޅުވީ، ޗައިނާއިން އެހީތެރިކަން ފޯރުކޮށް ދިނުމަކީ ހަމައެކަނި ޢަމަލީ އެހީތެރި ކަމެއް ނޫން ކަމަށާއި، އެއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. ކެވެ.

މިނިސްޓަރު ވިދާޅުވީ ދެ ގައުމަށް ވެސް ފައިދާވާނެ ގޮތަކަށް ޗައިނާއާ އެކު އޮތް އެއްބާރުލުން އިތުރަށް ފުޅާކުރުމަށް ރާއްޖެއިން ޢަޒުމު ކަނޑައަޅާފައިވާ ކަމަށެވެ.

ކުރީގެ ހައުސިން މިނިސްޓްރީ ހިންގަމުން އައި އިމާރާތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގައި ރޯވެ އޭރުގެ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އަނދައި އަޅިއަށްވި އެވެ. އޭގެ ފަހުން އެ މިނިސްޓްރީތަކުގެ މަސައްކަތް ވަގުތީ ގޮތުން ހިންގަމުން އަންނަނީ ދަރުބާރުގޭގަ އެވެ.