Last Updated: June 6, 19:23
Saturday, June 6, 2026
ޚަބަރު

މުޒާހަރާކުރާ ކަންނެލި ދޯނިތަކަށް ފުލުހުން އަރައިފި

ބޮޑުކަންނެލި މަސްވެރިން އިއްޔެއިން ފެށިގެން މާލޭ ފަޅުތެރޭގައި ކުރަމުން އަންނަ މުޒާހަރާގައި ބައިވެރިވާ ބައެއް އޮޑިދޯނިފަހަރުން ހަތަރު ބިދޭސީން ހައްޔަރުކޮށް، އޭގެ ތެރެއިން އެއް ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

މި މުޒާހަރާ އަކީ އިންތިޒާމުކުރާ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އިއްުޔެ ފާހަގަކުރި މަސްވެރިންގެ ދުވަހާ މުޒާހަރާ އަށް ނުކުތީ ބޮޑުކަންނެލީގެ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށް ބުނެ އެވެ.

ދޯނިތަކަށް އަރައި މީހުން ހައްޔަރު ކުރަން ފުލުހުން ފެށުމާ އެކު ބީކޭއެމްޔޫގެ ސެކްރެޓްރީ ޖެނެރަލް، މައުރޫފް ޒާކިރު ވިދާޅުވީ ހައްޔަރުކުރި ހަތަރު ބިދޭސީންނަކީ ކޯޓާ އޮވެގެން ގަވާއިދާ އެއްގޮތަށް ދޯނިތަކުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން ކަމަށެވެ.

އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ "މަގުބޫލު" ނަމަކަށް ކިޔާ މަސް ދޯންޏެކެވެ.

މި މުޒާހަރާގައި 25 ވަރަކަށް ދޯނި ބައިވެރިވެ އެވެ.

މަސްވެރިން އަންނަނީ ސަރުކާރަށް ތިން ޑިމާންޑެއް ކުރަމުންނެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމައި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.