"ޙައްޖު، ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން" މިއަދު ފަށައިފިއެވެ.
މި ކޮންފަރެންސް ފެށުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލާމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ އަލްޤަހްޠާނީއެވެ.
އެ ރަސްމިއްޔާތުގައި ޙައްޖު ޢުމްރާ ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ސަޢުދީ ޢަރަބިއްޔާއިން ވަޑައިގަންނަވާފައިވާ އަލްސަފްވާ ފައުންޑޭޝަންގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
ޙައްޖު ޢުމްރާ ކޮންފަރެންސްއަކީ ރާއްޖޭގައި މި ޚިދުމަތްދޭ ކުންފުނިތައް އެއް ތަނަކުން ބައްދަލުވެ، ދާއިރާއާއި ގުޅޭ މުހިއްމު ކަންކަމާއި މަޝްވަރާ ކުރުމާއި، ކުންފުނިތަކަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތައް ހިއްސާކުރުމަށް ބާއްވާ ދެވަނަ ކޮންފަރެންސެވެ.
މި އަހަރުގެ ކޮންފަރެންސާ އެކު ޢުމްރާ ކުންފުނިތަކުން ދޭ ޚިދުމަތްތައް އާއްމުންނަށް ފޯރުކޮށްދިނުމަށް އެގްޒިބިޝަނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
މި އެގްޒިބިޝަން ކުރިއަށްދާނީ ހަވީރު 5:00 އިން މާދަމާ ހުކުރު ދުވަހު ހަވީރު 4:00 އިން 7:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަހައްދުގަ އެވެ.
މި އަހަރުގެ ޙައްޖު ޢުމްރާ ކޮންފަރެންސް އަދި އެގްޒިބިޝަންގައިވެސް މުހިއްމު މަޢުޟޫއުތަކަކަށް ޕެނަލް ޑިސްކަޝަންސް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން "ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ލުއިފަސޭހަކަން: ޚިދުމަތުގެ ފެންވަރު" މި މަޢުޟޫއަށް ވާހަކަ ދެއްކުން ވެސް އޮންނާނެ އެވެ.