Last Updated: July 8, 06:17
Wednesday, July 8, 2026
ޚަބަރު

އާއްޓޭ އާއި ދިގަލި ބަންދުން ދޫކޮށްލައިފި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ސިނގިރޭޓު ކޮންޓެއިނަރު ނެގި މައްސަލައިގައި ހައްޔަރުކުރި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ދިގަލި އާއި އާއްޓެގެ އިތުރުން ކޮންޓެއިނާ ވަގަށް ނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ހަވާލުވެގެން ހުރި ހަސަން ކ. ތުލުސްދޫ، ލިންކް ހައުސް، އަބްދުއްރަހްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓަށް މިއަދު ހުށަހެޅުމުން އެ މީހުން ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ، މުހައްމަދު ވަހީދާއި އަހުމަދު އާރިފް ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައި ވާނީ، އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެ ކުށް ކުރުމަށް ރޭވުންކަމަށްވާ އިރު، އެ ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ. އަދި އަބްދުއްރަހްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ އޭނާއަކީ އެ ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލައިގައި މިހާރު ބަންދުގައި ތިބި މީހުންގެ ބަންދަށް ބަދަލު ގެންނަން ޖެހޭ ހާލަތެއް ނެތް ކަމަށާއި ސަބަބަކީ އެ މީހުންނަކީ ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ތުހުމަތު އޮތް މީހުން ކަމަށްވުމާއި އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެ ތިބެ އެ ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލައިގައި ޖުމްލަ 11 މީހަކު ހައްޔަރުކުރި އެވެ. އެ އެންމެންނަށްވެސް ދައުވާކުރަން މިހާރު ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ.