Last Updated: July 8, 06:17
Wednesday, July 8, 2026
ޚަބަރު

ޓައުންޝިޕް ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކޮށްފި

ސްޕެޝަލް އިކޮނޮމިކް ޒޯންސް ގާނޫނުގެ ދަށުން، ރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މިއީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ރާއްޖޭގައި ހިންގާ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއެވެ. މި ޕްރޮޖެކްޓު ހިންގުމަށް ހުއްދަ ދޫކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ 790 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމަންޓަކާއެކު، މި ޕްރޮޖެކްޓަކީ ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި މުހިންމު ކުރިއެރުމެކެވެ. އެއީ ފަތުރުވެރިކަމަށް އެކަނި ބިނާކޮށްފައިވާ އާދައިގެ މޮޑެލްތަކުން އެއްކިބާވެ، މުސްތަގުބަލަށް އަމާޒުކޮށްފައިވާ، އެކި ސިނާއަތްތަކަށް ނިސްބަތްވާ ތަރައްގީތައް ގެނައުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ަމަށެވެ.

މި ޓައުންޝިޕްގައި ލަގްޒަރީ ފެންވަރުގެ މެހެމާންދާރީގެ ޚިދުމަތްތަކާއި ރެސިޑެންޝަލް ބައިތައް ހިމެނޭނެ އެވެ. މީގެ އިތުރުން މުހިންމު އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާތައްވެސް މި ޓައުންޝިޕްގައި ހިމެނެ އެވެ. އޭގެ ތެރޭގައި، ރާއްޖެއަކީ މެޑިކަލް އަދި ވެލްނެސް ޓޫރިޒަމްގެ މައިގަނޑު މަންޒިލެއްގެ ގޮތުގައި ފާހަގަކުރާ، އެންމެ ޒަމާނީ މެޑިކަލް ފެސިލިޓީއަކާއި، ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓާލިޓީ އަދި ލީޑަރޝިޕް ސްކޫލެއް ހިމެނެއެވެ. އަދި ކާނާގެ ރައްކާތެރިކަން ހަރުދަނާކުރުމަށް އަމާޒުކޮށް ތަރައްގީކޮށްފައިވާ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ނިޒާމްތައް ހިންގާނެ ވަކި ރަށެއްވެސް ހިމެނެ އެވެ.

މި މަޝްރޫޢަށް ބޭނުންވާ ކަރަންޓުގެ މަދުވެގެން 60 އިންސައްތަ އުފައްދާނީ އިޔާދަކުރަނިވި ހަކަތައިން ކަމަށްވާއިރު، މިއީ ގައުމީ ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށްވެސް އެހީތެރިވެދޭނެ ކަމެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި 2028 ވަނަ އަހަރުގެ ނިޔަލަށް މި ޕްރޮޖެކްޓް ހިންގަން ފެށޭނެ ކަމަށް ލަފާކުރެވޭއިރު، މިއީ މަތީ ފެންވަރުގެ ވަޒީފާގެ ފުރުސަތުތައް އުފައްދައި، ސަރަހައްދީ އިގްތިސާދީ ހަރަކާތްތައް ސިންދަފާތުކޮށް، ދިގު މުއްދަތަށް ރާއްޖޭގައި މަޑުކުރާނެ ފަތުރުވެރިންނާއި މުއްސަނދިން ގެނެސް، ގައުމީ ތަރައްގީގެ ފުޅާ މަގުސަދުތަކަށް އެހީތެރިވެދޭނެ ޕްރޮޖެކްޓެކެވެ.