ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލިޕޭ+ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއާއެކު މުހިންމު ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ، ބީއެމްއެލްއާއި އަލިޕޭ+ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެދުގައި މިއަދު ގާއިމުކުރި އެއްބަސްވުމަކީ އަންނަ އަހަރުން ފެށިގެން ކޯ-ބްރޭންޑެޑް ޓޫރިޒަމް ކެމްޕޭނުތައް ފެށުމަށް އެޅުނު މުހިންމު އެއް ބިންގާ ކަމަށެވެ. މި ޓްރައިޕާޓީ އެއްބަސްވުމުގެ ދަށުން، އޭޝިއާގެ މާކެޓްތަކުގައި އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެއަށް ހެދުމަށް މަސައްކަތްކުރުމާއި ވިޔަފާރިތަކަށް ފައިސާ ބަލައިގަތުމަށް ފަސޭހަކޮށްދިނުމާއި މި މަންޒިލްތަކުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލުއި ފަސޭހަ ތަޖުރިބާތަކެއް ދިނުމަށް މަސައްކަތްކުރުން ހިމެނޭ ކަމަށްވެސް އެ ބޭންކް އިން ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި އީޖާދީ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަންސް ތައާރަފް ކުރުމަށް ބީއެމްއެލްއާއި އަލިޕޭ+ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެއެވެ.
އެގޮތުން ކަސްޓަމަރުންނާއި ވިޔަފާރިވެރިންނަށްވެސް އިތުރު ލުއިފަސޭހަ ކަމެއް ފޯރުކޮށްދިނުމަށް ރާއްޖޭގައި ކޮންޓެކްޓްލެސް ކިއުއާރް ޕޭމަންޓުގެ ހިދުމަތް ފުޅާކޮށް، ބީއެމްއެލް ސްވައިޕް އެޕްގައި އަލިޕޭ+ ގެ ފީޗާތައް ހިމަނާނެ ކަމަށްވެސް އެ ބޭންކް އިން ވިދާޅުވިއެވެ.
ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އަލިޕޭ+ އާއި ވިޒިޓް މޯލްޑިވްސްއާއެކު މި ވެވުނު ސްޓްރެޓީޖިކް އެއްބަސްބުންތަކާއެކު، ރާއްޖޭގެ ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަކޮށް، މުޅި ދުނިޔޭގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް މި އެޅުނީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
"މި އެއްބަސްވުން ފަރުމާކޮށްފައި ވަނީ އެންމެ ޒަމާނީ އަދި ލުއިފަސޭހަ ޕޭމަންޓް ހައްލުތަކެއް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފޯރުކޮށްދީ، ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގެ ދުވެލި އަވަސްކުރުމަށް."
ބީއެމްއެލްއިން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓަރކާޑް،އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން،ބީއެމްއެލް ޕޭ، ވީޗެޓް ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެއެވެ. ބީއެމްއެލްގެ މާޗަންޓް ޕޯޓަލް އަދި އެމްޕީއޯއެސް އެޕް ބޭނުންކޮށްގެން، މާޗަންޓުންނަށް ފުރިހަމަ އޮންލައިން ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދީ، ރިއަލް-ޓައިމް ޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސައި، މުއާމަލާތްތައް ހަރުދަނާކަމާއެކު މޮނިޓަރު ކުރުމާއި،އޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި މެނޭޖްކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިވެދެއެވެ.