އިސްލާމް ދީން ރިވެތި އަޚުލާޤަށް ތާއިދުކުރުމާއެކު މާތް އަޚްލާޤުގެ މަތީގައި މުސްލިމުން ތަރުބިއްޔަތު ކުރުމަށް ވަރަށް ބޮޑު އަހަންމިޔަތު ކަމެއްދެ އެވެ. އަދި ތަރުބިއްޔަތުގެ ރޫޙާނީ އުސޫލުތައް ދޫކޮށްލާފައި ހަމައެކަނި މާއްދިއްޔަތަށް ލެނބުމާއި މާއްދިއްޔަތަށް ލެނބުމަށް ގޮވާލެވޭ ގޮވާލުންތައް ބާޠިލުކުރުމަށް ގަދައަޅާ މަސައްކަތްކުރެއެވެ. ހަމައެކަނި މާއްދިއްޔަތަށް ތާއީދުކުރާ މީހުން ދެކޭގޮތުގައި، އިންސާނީ ތާރީޚަކީ ކާބޯތަކެތި ހޯދުމުގެ ތާރީޚެކެވެ.
އާދެ ޝަހުވަތުގެ ތާރީޚެވެ. މާއްދީ އަދި އިޤުތިޞާދީ ބާރަކީ އިންސާނާގެ ޙަޔާތުގެ މިޞްރާބު ޢައްޔަން ކޮށްދޭ އަދި ފިކުރުތަކާ ޢަޤީދާތައް އޭގެ މަތީގައި ބިނާވެފައިވާ ބާރެކެވެ. އެފަދަ މުޖުތަމަޢެއްގައި ހުރިހާ ކަމެއް ބިނާވެފައި އޮންނަނީ އިންސާނާގެ މާއްދީ ޝަހުވަތު ފުއްދުމުގެ މައްޗަށެވެ. ޙަލާލެއް ޙަރާމެއް، ގޮތެއް ފޮތެއް ބެލުމެއް ނެތިއެވެ. މީހެއްގެ ޙައްޤެއް ބެލުމެއް ނެތިއެވެ. އަޚްލާޤުގެ ކަންފުޅެއް ވެސް ނެތި އެވެ.
މާއްދިއްޔަތަށް ގޮވުމާއި މާއްދިއްޔަތުގެ މަތީގައި އެބައިމީހުންގެ މުޖުތަމަޢުގެ ފިކުރުތައް ޤާއިމުކޮށްފައިވާ ހުޅަނގުގެ ޤައުމުތައް، އާދެ ޔަހޫދީންނާއި ނަޞާރާއިންނަކީ ހަމައެކަނި މިއަދު މާއްދިއްޔަތުގެ އަޅުންނަށް ވެފައިވާ ބައެއް ނޫނެވެ. އިސްލާމް ދީން އަލިވެގެންވާ ނޫރެއްގެ ގޮތުގައި، އަދި ތެދުމަގު ދައްކައިދޭ މުރުޝިދެއްގެ ގޮތުގައި ދުނިޔެއަށް ފާޅުވީ، ޔަހޫދީންނާއި ނަޞާރާއިން އަޚުލާޤީ ގޮތުން ވަރަށް ބޮޑަށް ވެއްޓިފައިވީ ދުވަސް ވަރެއްގައެވެ. އެބައި މީހުންގެ ދީން، އެދީންތަކުގެ އަޞްލު އޮޅުވާލާފައި ވަނިކޮށެވެ.
އެބައިމީހުން ވަނީ މާތްﷲ ގެ ނިޢުމަތްތަކަށް ފުރަގަސްދީ، އެބައި މީހުންގެ ޤައުމުތައް ކުފުރުގެ މަތީގައި ބިނާކޮށްފައެވެ. އިސްލާމްދީން ގެނައި އަޚުލާޤީ ރީތި ސިފަތަކަކީ އެބައިމީހުންނަށް އައުއެއްޗެއް ނޫނެވެ. ހެވާއިނުބައި އެބައިމީހުން ދަނެއެވެ. ރަނގަޅާ ނުރަގަޅު ވަކިކުރަން އެގެއެވެ. ޙައްޤާއި ބާޠިލުގެ ދެމެދުގައި ވަރަށް ބޮޑު ފަރަޤު ވާކަން ރަނގަޅަށް ދަނެއެވެ.
ރިވެތި އަޚްލާޤީ އިޙުސާސަކީ އިންސާނާގެ ފިތުރަތުގައި މާތްﷲ ލައްވާފައިވާ އިޙުސާސެކެވެ. ޢާންމުކޮށް ހުރިހާ އިންސާނުންގެ އަޚުލާޤީ ޝުޢޫރަކީ އެއްކަހަލަ ޝުޢޫރެކެވެ. އެހެންވުމާއެކު ކޮންމެ ރަގަޅު ސިފައަކީ އެންމެންގެ ކުރިމަތީގައި ރަގަޅު ސިފައެކެވެ. އަދި ކޮންމެ ނުބައި އާދައަކީ ހުރިހާ އިންސާނުންގެ ކައިރީގައިވެސް ނުބައި އާދައެކެވެ.
ބައެއް މީހުންގެ ކުރިމަތީގައި އަނެއްބައި މީހުންގެ ކުރިމަތީގައި ރަނގަޅުވާ ކަމެއް ގޯސްވެގެން ދަނީ އެކަމުގެ ސަބަބަކުން ނޫނެވެ. އެއީ އެ މީހާ ވިސްނާ ވިސްނުމާއި ދެކޭ ގޮތުގެ ސަބަބުންނެވެ.
ތެދުވެރިވުމާއި، ޢަދުލުވެރި ވުމާއި، ވަޢުދުތައް ފުއްދުމާއި، އަމާނާތްތެރި ވުމަކީ އިންސާނީ އަޚުލާޤިއްޔަތުގައި މާތް ސިފަތަކެކެވެ. ދޮގުހެދުމާއި، އަނިޔާވެރިވުމާއި ޢަހުދުތަކަށް ޚިލާފުވުމާއި ޚިޔާނާތްތެރި ވުމަކީ އެއްވެސް ތަނެއްގައި ޒަމާނެއްގައި ޤަބޫލު ކުރެވޭ ސިފަތަކެއް ނޫނެވެ. މިކަންކަމަކީ އިޖުތިމާޢީ ދިރިއުޅުމުގެ ރީތި އާދަތަކެއްގެ ގޮތުގައި ދުވަހަކުވެސް ހިމެނިފައި ނެތް ކަންކަމެވެ.
މީސްތަކުންގެ ސުލޫކާ ގުޅިފައިވާ ކަންކަމުގެ ތެރެއިން ވައްކަން ކުރުމާއި، ޒިނޭކުރުމާއި، މީހުން މެރުމާއި، ފޭރުމާއި ރިޝްވަތުގެ ބޭނުން ކުރުމަކީ ރަނގަޅު ކަންތައް ތަކެއްކަމުގައި އެއްވެސް ބަޔަކު ނުދެކެ އެވެ. ހަޑިހުތުރު ބަސްތައް ބުނެއުޅުމާއި، ދޭތެރެ ޖެއްސުމާއި، ހަސަދަވެރިވުމާއި ދޮގު ވާހަކަތައް ފެތުރުމާއި، ތަން ފަސާދަކޮށް އުޅުމަކީ ރަގަޅު ކަންތައް ކަމަކަށް ދުވަހަކު ވެސް ބަޔަކު ނުދެކޭނެ އެވެ.
މިއާ ޚިލާފަށް މައިންބަފައިންނަށް އިޙުސާންތެރިވުމާއި ގާތްތިމާގެ މީހުންނަށް އެހީތެރިވުމާއި އަވަށްޓެރީންނާ މެދު ހެޔޮކޮށް ހިތުމާއި ރަޙްމަތްތެރީންގެ ގުޅުންބަދަހި ކުރުމާއި ޔަތީމުންނާ މީސްކީނުންގެ ޚަބަރު ބެލުމާއި، ބަލިމީހުންނަށް ގޮވާލަން ދިއުމާއި މުޞީބާތްތަކާ ކުރިމަތިވެފައިވާ މީހާގެ ދަތިތައް ފިލުވައި ދިނުމަކީ ހުރިހާ ޒަމާނެއްގައި ވެސް ހެޔޮކަންތައް ކަމަށް ބެލެވިފައިވާ ކަންކަމެވެ.
މި ކަންކަމުން ދޭހަކުރެވެނީ އިންސާނީ އަޚުލާޤިއްޔާތަކީ ބައިނަލްއަޤްވާމީ ޙަޤީޤަތެއް ކަމެވެ. އަދި ހުރިހާ އިންސާނުން ވެސް ދަންނަ ކަންކަމެވެ.
ހެޔޮކަމާއި ނުބައި ކަމަކީ ނޭނގުމުގެ ތެރޭގައިވާ ދެ ކަމެއް ނޫނެވެ. އެހެންވެ ކީރިތި ޤުރުއާނުގައި ހެޔޮކަންކަމަށް ބަޔާން ކުރައްވާފައިވަނީ ”المعروف”(ރަނގަޅު ކަމެއްގެ ގޮތުގައި އެންމެން ދަންނަ ކަންތައްތައް) މި ނަމުންނެވެ. ނުބައި ކަންތައްތައް ބަޔާން ވެގެންވަނީ “المنكر”(ރަނގަޅު ކަމެއް ކަމުގައި އެއްވެސް މީހަކަށް ނޭނގޭ ނުވަތަ ނުދަންނަ ކަންތައްތައް) މި ނަމުންނެވެ.
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.