Last Updated: July 8, 07:30
Wednesday, July 8, 2026
ޚަބަރު

މައިދާން ދޫކޮށް ނުދާނަން، ހުންނާނީ އެމްޑީޕީގައި: އާޒިމް

މާލޭގެ މޭޔަރު އާދަމް އާޒިމް

މައިދާން ދޫކޮށް ނުދާނެ ކަމަށާއި އަބަދުވެސް ހުންނަވާނީ އެމްޑީޕީގައި ކަމަށް ދެވަނަ ދައުރަކަށް މަގާމު ދިފާއުކުރައްވަން މަސައްކަތް ކުރައްވާ، މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގެ ފޯރިވަނީ ގަދަވެފަ އެވެ. އެގޮތުން މި ޕްރައިމަރީގައި އާދަމް އާޒިމްއާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ އެމްޑީޕީން ރައްޔިތުންނަށް ހިދުމަތްކުރާނެ މަގާމުތައް ދިނުމުން، ފިލައިގެން ރައްކާވާނެ އަދި މައިދާން ދޫކޮށްފައި ދާނެ މީހަކަށް އޭނާ ނުވާނެ ކަމަށެވެ.

"އަދިވެސް އަޅުގަނޑު މިހިރީ ތިބޭފުޅުން އަޅުގަނޑު ހޮއްވައިދިން ގޮތަށް. އަޅުގަނޑެއް ނުދަން މައިދާން ދޫކޮށްފައެއް. ހޮވައިދެން ގޮތަށް މިހުރީ. މާދަމާ ވެސް ހުންނާނީ ހަމަ މިގޮތަށް،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އޭނާ ވާދަކުރައްވަނީ މައްސަލަތަކާ ކަމަށާއި، މާލެއަށް ބަލައިލުމުން މިއަދު އެކަން ފެންނާނެ ކަމަށެވެ. އަދި ޕްރައިމަރީ ކާމިޔާބުކުރާނީ އެއްވެސް މީހެއްގެ "މަހާއި ކަށި" ނުކައި، ޚިދުމަތްތައް ދައްކައިގެން "ސަޅިކޮށް" ކަމަށާއި ރައްޔިތެއްގެ މުދަލެއް، ނުވަތަ ފައިސާއެއްގައި ޖެހިފައިވާ މީހަކު ނަމަ އެ މީހަކު ދޫނުކުރައްވާނެ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން އާޒިމް ވަނީ ކައުންސިލް އިންތިހާބުގައި މާލޭގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.