Last Updated: June 5, 06:04
Friday, June 5, 2026
ރިޕޯޓް

ހަރަދު ކުޑަކުރުމުގެ ނަމުގައި ލާމަރުކަޒީ ނިޒާމު ފުނޑާލަނީ؟

ދިވެހިރާއްޖެއަށް މިހާރު ދިމާވެފައިވަނީ ފަހުގެ ތާރީޚެއްގައި މި ޤައުމަށް ދިމާވި އެންމެ ބޮޑު އިޤްތިޞާދީ ގޮންޖެހުންތަކާ އެވެ. ދަރަނި އިތުރުވެ، މާލީ ފުރުސަތު ކުޑަވެ، ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ކުއްލި ބޭނުންތެރި ކަމެއް ދިމާވެފައިވާ މިދަނވަޅުގައި، ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ގޮވާލުމަކީ މުހިންމު އަދި ނުހަނު ބޭނުންތެރި ކަމެކެވެ. ނަމަވެސް، ހިތްވަރާއެކު،

އެއްވެސް ޖެހިލުމެއް ނެތި ކުރަންޖެހޭ ސުވާލަކީ މިއެވެ؛ ބޮޑެތި އެތައް ގިނަ ޚަރަދުތަކެއް ހިނގާ ސަރުކާރެއްގެ އެހެން ފަށަލަތަކަށް އެއްވެސް ބަދަލެއް ނުގެންނަވާ، ހަމަ ކުއްލިގޮތަކަށް އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ސަރުކާރުން އަމާޒުކޮށްފައި މި ވަނީ ކީއްވެގެން ހެއްޔެވެ؟

ސަރުކަރުގެ މާލީ ޚަރަދު ކުޑަ ކުރަން މަސައްކަތްކުރާ ނަމަ، ރަށު ކައުންސިލާއި އަދި އަތޮޅު ކައުންސިލްތަކަކީ އެކަމަށް އެންމެ އެކަށީގެންވާ ފަރާތްތަކެއް ކަމަކަށް ދެކުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެ ފަރާތްތަކުގެ ބަޖެޓުތައް، ސަރުކާރުގެ މިނިސްޓްރީތަކާއި، ދައުލަތުގެ ކުންފުނިތަކާއި، އަދި ޚާއްސަކޮށް ބޭރު ޤައުމުތަކުގައި ހިންގަވާ ރާއްޖޭގެ އެމްބަސީތަކުގެ ފުޅާ ނެޓްވޯކްގެ ބަޖެޓާ އަޅާބަލާ އިރު އެތައް ގުނައެއް ކުޑަ އެވެ.

ބައެއް ގައުމުތަކުގައި، ގިނަ އެމްބަސީތައް ހިންގަމުންދަނީ މާގިނަ މަސައްކަތެއްނެތި، ސިޔާސީ ރަނގަޅު ގުޅުންތަކެއްވެސް ޤާއިމުނުކުރެވިއެވެ. އަދި އެތަންތަނުގެ ބޭނުންތެރިކަމާ މެދު ސުވާލު އުފެދޭ ގޮތަކަށެވެ. މިފަދަ ޑިޕްލޮމެޓިކް މިޝަންތަކުގެ ޢަދަދު މަދުކުރުމާއި، އެއްކޮށްލުމާއި، ނުވަތަ ބައެއް ޤައުމުތަކުގައި ޢަމަލުކުރާފަދައިން ނޮން-ރެސިޑެންޓް އެމްބަސީގެ ނިޒާމަށް ބަދަލުކުރުމަކީ، ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި އުފެއްދި ސަރުކާރުގެ ފަށަލައެއް ނައްތާލުމަށްވުރެ އެތައް ގުނައެއް އިތުރަށް މާލީ ފައިދާ ލިބޭނެ ކަމެކެވެ.

މިކަމުގެ އަސާސީ ކަންބޮޑުވުމަކީ މިއީ އެވެ؛ އަތޮޅު ކައުންސިލްތައް އުވާލުމުން ކުޑަވާނެކަމަށް ބެލެވޭ ޚަރަދުތަކަށްވުރެ، ޑިމޮކްރެޓިކް ލާމަރުކަޒީ ނިޒާމަށް އަންނާނެ ލޮޅުން މާ ބޮޑުވާނެއެވެ. އަތޮޅު ކައުންސިލްގެ އޮނިގަނޑު އުވާލައި، ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެވޭ މަޤާމުތައް މަދުކުރުމަކީ ހަމައެކަނި "އިދާރީ ޚަރަދުތައް ކުޑަކުރުމެއް" ނޫންކަން ފާހަގަކުރެވެއެވެ. މިއީ ބާރުތަކުގެ އޮނިގަނޑަށް އަސާސީ ބަދަލެއް ގެނައުމެވެ.

އެއީ:

1. ރައްޔިތުންނާ ގާތުން ނިންމަންޖެހޭ ކަންކަން މާލެއިން ނިންމޭ ގޮތަށް ބަދަލުކުރުން.
2. ރަށުގެ ކަންކަން ކަމަށްވާ، ބިން ބޭނުންކުރުން، ތަރައްޤީގެ ރޭވުންތަކާއި ވަސީލަތްތައް ހަމަޖެއްސުން ފަދަ ކަންކަމަށް ރައްޔިތުން ހޮވާފައިތިބޭ މަންދޫބުންގެ މައްޗަށް، މައި ސަރުކާރުގެ ބިއުރޯކްރެޓުންގެ ނުފޫޒު ގަދަކުރުން
3. ރަށު އަދި ސިޓީ ކައުންސިލްތައް، އެ ރަށެއްގެ ބޭނުންތަކާއި އިސްކަންދޭ ކަންކަން ނުދަންނަ، ނުވަތަ އެކަންކަމަށް އިސްކަމެއް ނުދޭ ދުރުގައިވާ ބާރަކަށް ބަރޯސާވާންޖެހުން އިތުރުކުރުން.
4. ރައްޔިތުންނަށް ޖަވާބުދާރީވުމުގެ ފުރުޞަތު ހަނިވެ، އަދި ރަށު ފެންވަރުގައި އަޑުއުފުލުމުގެ މަގު ބަންދުކުރުން.

އެހެކަމުން މިއީ ހަމައެކަނި އިދާރީ އޮނިގަނޑު ބަދަލުކުރުމެއް ނޫނެވެ. އެކަމަކު މިއީ ބާރުތައް އަލުން މަރުކަޒީކުރުމެވެ.

ލާމަރުކަޒީ ނިޒާމުގެ ހައިސިއްޔަތު ކަނޑުވައިލައި، މަރުކަޒީ ނިޒާމަކަށް ބަދަލުކުރުން:

ފާއިތުވި 10 ވަރަކަށް އަހަރު ރާއްޖެއަށް ލިބުނު އެންމެ މުހިންމު ޑިމޮކްރެޓިކް ކާމިޔާބީތަކުގެ ތެރޭގައި ލާމަރުކަޒީ ނިޒާމަކީ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ. މި ނިޒާމަކީ އެއްކަލަ ބުނާ ރާއްޖެތެރޭގެ ރައްޔިތުން ކޮންމެ ކަމެއްގައި މާލެއަށް ބަރޯސާވުން ނައްތާލުމަށްޓަކައި ކުރެވުނު އަގުހުރި މަސައްކަތެކެވެ.

މި މަސައްކަތުގައި އަތޮޅު ކައުންސިލްތައް މައި ސަރުކާރާއި ރަށު ކައުންސިލްތަކާ ދެމެދު ގުޅުވައިދޭ މުހިންމު ފާލަމެއްގެ ދައުރު އަދާކުރިއެވެ. އަތޮޅު ކައުންސިލްތަކުގެ މައިގަނޑު ދައުރަކީ ރަށްރަށާ ދެމެދު ގުޅުން ބަދަހިކުރުމާއި، އަތޮޅު ފެންވަރުގައި ދިމާވާ ކަންކަމުގައި ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކާ މަޝްވަރާކުރުމާއި، އަދި ވަކިވަކި ރަށު ކައުންސިލްތަކަށް އެކަނި ހައްލު ނުކުރެވޭ މައްސަލަތައް ފާހަގަކޮށް، އެކަންކަން ހައްލުކުރުމަށް އެހީތެރިވެދިނުމެވެ.

އަތޮޅު ކައުންސިލްތައް ނައްތާލުމުގެ ސަބަބުން ދިމާވާނެ އިތުރުކަންކަން:

1. ލޯކަލް ގަވަރނަންސްގެ ނިޒާމު ބަލިކަށިވެ، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ހުރަސް އެޅޭނެ
2. ސަރަހައްދީ މިނިވަންކަން ކުޑަވެ، ނިންމުންތައް ނިންމުމުގެ ބާރު މަރުކަޒު ކުރެވޭނެ
3. އަތޮޅު ފެންވަރުގެ މުހިންމު ނިންމުންތައް ނިންމުން މާލެ އަށް މަރުކަޒުު ވެގެންދާނެ
4. އަތޮޅުތަކުގެ ތަރައްޤީއަށް ހުރަސްއަޅާނެ ބިއުރޯކްރެޓިކް ދަތިތަކެއް އުފެދިގެން ދާނެ

މިކަންކަމަކީ ލާމަރުކަޒީ ނިޒާމުގެ އަސްލު މަޤްސަދުތަކާ އެއްގޮތް ކަންތައްތަކެއް ނޫނެވެ. ލާމަރުކަޒީ ޤާނޫނަކީ ޤާނޫނުއަސާސީގެ އެތައް މާއްދާތަކަކާ ގުޅިލާމެހިގެން، މުޅި އޭގެ މައްޗަށް ތަރުތީބުކުރެވިގެން ވުޖޫދުކުރެވުނު ޤާނޫނެކެވެ. ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު އަދި މިހާރު ބޭނުން ކުރަމުންދާ ޤާނޫނުއަސާސީ އެކުލަވާލި މަޖިލިހުގެ މުޤައްރިރު އިބްރާހީމް އިސްމާޢީލް ވިދާޅުވިފަ ދައިން "މިދިޔަ ސަތާރަވަރަކަށް އަހަރުވެސް ޤާނޫނުއަސާސީ ހިފެހެއްޓިފައި އޮތީ އޭގެ ރޮދިގަނޑު ގެތިފައި އޮތްގޮތުންނެވެ. އެންހިފާ ދަލެއްގެ މިސާލުން ކޮންމެ މަޅިއެއްގެ 4 ކޮޅުގައި ގޮށްޖެހިފައި އޮތީމަ އެވެ. އެއްމަޅި ރޫޅާލިއަސް އަނެއްކޮޅުން ހިފެހެއްޓިފައި އޮތީމަ އެވެ."

މިފަދަ ގޮތަކަށް ރައްކާތެރި ކުރެވިފައިވާ ނިޒާމެއްގެ ބައެއް ނައްތާލުމުން ދެން ވެގެން ދާނީ ކިހިނެއް ބާވަ އެވެ؟ ޤާނޫނުއަސާސީގެ މާއްދާތަކަކީ މިގޮތަށް ބަދަލު ކުރެވޭނެ ނުވަތަ ނައްތާލެވޭނެ އެއްޗެއް ހެއްޔެވެ؟ މިފަދަ ސުވާލުތަކަށް ޖަވާބު ދެއްވޭނީ ޤާނޫނީ ދާއިރާގެ މާހިރުންނަށެވެ.

އަތޮޅު ކައުންސިލްތައް ނައްތާލުމަކީ ރާއްޖޭގެ ޑިމޮކްރަސީ އަށް ލިބުނު ބޮޑު ހީނަރު ކަމެކެވެ. ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އެކަމަކުން އެއްވެސް އެހީތެރިކަމެއް ލިބިގެނެއް ނުދާނެއެވެ. ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސީރިއަސްކަމާއެކު ސަރުކާރުން މަސައްކަތްކުރާނަމަ، އެކަން ފަށައިގަންނަން ޖެހެނީ ޚަރަދު ބޮޑު، ނަތީޖާ ކުޑަ ދާއިރާތަކުންނެވެ. މިސާލަކަށް އަގުބޮޑު ބޭރުގެ މިޝަންތަކާއި، މުސާރަ ބޮޑެތި ސިޔާސީ މަޤާމުތަކާއި، މަސައްކަތްތައް ތަކުރާރުވާ ދައުލަތުގެ ކުންފުނިތަކާއި، އަދި އިތުރުކޮށްފައިވާ މިނިސްޓްރީތަކުގެ ދާއިރާއިންނެވެ.

އެހެނަސް، މިކަމުގެ ބަދަލުގައި، ސަރުކާރުން ނިންމާފައިވަނީ ރައްޔިތުންނާ އެންމެ ގާތުން ގުޅިފައިވާ، އެމީހުން ހޮވާފައިތިބޭ މަންދޫބުންގެ އަދަދު މަދުކުރުމަށެވެ. އެއީ މާލެއާއި ބޭރުގެ ގައުމުތަކުގައި ބޮޑެތި މުސާރައާއި އެކި އެކި ޢިނާޔަތްތަކާއެކު ދިރިއުޅޭ ސިޔާސީ ފަންތި ރައްކާތެރިކުރުމަށް ހެއްޔެވެ؟ މިއިން ދޭހަވަނީ ސަރުކާރުން އިސްކަންދެއްވާ އަސްލު ކަންކަމަކީ އެއީ ކަމަށެވެ.

މުޅި އާބާދީގެ ހަތްދިހަ އިންސައްތަ މީހުން މާލެއިން ބޭރުގައި ދިރިއުޅޭ ޤައުމެއްގައި، މިފަދަ ފިޔަވަޅަކީ ހަމަހަމަ ތަރައްޤީގެ ވައުދު ނިގުޅައިގަތުމެވެ.

އެންމެ ނުރައްކާތެރި ކަމަކީ، މިކަމުގެ ސަބަބުން ރައްޔިތުން ބޭނުންވާ ތަރައްޤީ ރަށްތަކަށް ނުގެންދެވޭނެކަމެވެ. އަދި އެމީހުންނަށް ޖެހޭނީ ކުރިންވެސް އޮތް ގޮތަށް ލިބުނު މިންވަރަކުން ފުއްދާލައިގެން ތިބޭށެވެ. އަތޮޅު ކައުންސިލްތައް ނައްތާލުމުގެ ސަބަބުން ޑިމޮކްރެޓިކް ދާއިރާ ހަނިވެ، އާދައިގެ ރައްޔިތުންނަށް އެމީހުންގެ ރަށްތައް ހިންގާ ގޮތާއި މެދު ބަސްބުނެ ނުފޫޒު ފޯރުވުމުގެ ޤާބިލުކަން ކުޑަވާނެއެވެ. ބާރުތައް އަލުން މަރުކަޒުކުރުމުގެ ސަބަބުން ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް ޖެހޭނީ މާލެއަށް ބަރޯސާވާށެވެ.

އިޤްތިޞާދީ ގޮތުން ދަތި މިފަދަ ދަނޑިވަޅެއްގައި، ލާމަރުކަޒީ ނިޒާމު ނައްތާލުމުގެ ބަދަލުގައި އެ ނިޒާމުގެ ބާރުތައް ޖެހެނީ ގަދަކުރާށެވެ. ލޯކަލް އިދާރާތަކަށް ބާރުވެރިކަން ދިނުމަކީ އަވަހަށް ޚިދުމަތް ދިނުމަށާއި، ކަންކަން ހަރުދަނާކުރުމަށާއި، އަދި ތަރައްޤީގެ ޚަރަދުތައް ހަޤީޤީ ގޮތެއްގައި ކޮމިއުނިޓީތަކަށް ފޯރާތޯ ކަށަވަރުކުރުމަށް އޮންނަ އެންމެ ރަނގަޅު ގޮތްތަކުގެ ތެރެއިން އެއް ގޮތެވެ. އެކަމުގެ ބަދަލުގައި، ރާއްޖެއިން މި ފެންނަނީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ލޯކަލް ޑިމޮކްރަސީ ފަހަތަށް ގިއްގަޅުވާލާ މަންޒަރެކެވެ. ހިތާމައިގެ ކޮޅުނެތްކޮޅަށް ހިތާމަހުއްޓެވެ.