އޮސްޓްރިއާގެ 14 އަހަރުން ދަށުގެ ސްކޫލް ދަރިވަރުން ބުރުގާ އެޅުން މަނާކުރާ ބިލެއް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.
އެ ބިލް ފާސްކުރީ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ މައި ތިން ޕާޓީގެ އިތުރުން އިދިކޮޅު ޕާޓީގެ ވެސް ތާއީދާ އެކީގަ އެވެ. މި ބިލްގައިވާ ގޮތުން ސަރުކާރުގެ ސްކޫލްތަކުގެ އިތުރުން އަމިއްލަ ސްކޫލްތަކުގައި ކިޔަވާ 14 އަހަރުގެ ދަށުގެ ކުދިން ވެސް ބުރުގާ އެޅުން މަނާވާނެ އެވެ.
އޮސްޓްރިއާ އިން ބުނި ގޮތުގައި މިފަދަ ބިލެއް ފާސްކުރުމުގެ ބޭނުމަކީ ދެ ޖިންސުގެ މެދުގައި ހަމަހަމަކަން ބޭއްވުމެވެ. އަދި މި ފިޔަވަޅުގެ ސަބަބުން އަންހެން ދަރިވަރުންނަށް އިތުރު ރައްކާތެރި ކަމެއް ވެސް ލިބޭނެ ކަމަށް ބުނެފައިވެ އެވެ.
ސާދަ އަހަރުން ދަށުގެ ދަރިވަރުން ބުރުގާ އެޅުން މަނާކުރުން ތަންފީޒު ކުރަން ފެށުމުން، އެ އުސޫލާ ހިލާފުވާ ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިންނަށް ނަސޭހަތް ދޭނެ އެވެ. އަދި އެކަން ތަކުރާރުކުރާ ނަމަ ކުދިންނަށް ލިބިދޭ ވެލްފެއާގެ ހިދުމަތްތަކުން މަހުރޫމު ކުރާނެ އެވެ.
އަދި އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން އުސޫލާ ހިލާފުވާ ދަރިވަރުން 800 ޔޫރޯއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.
އޮސްޓްރިއާ އިން 2020 ގައި 10 އަހަރުން ދަށުގެ ދަރިވަރުން ވެސް ބުރުގާ އެޅުން މަނާކުރަން ނިންމި އެވެ. އެކަމަކު އެއީ މުސްލިމުންނަށް އަމާޒުކޮށް ނިންމި ނިންމުމެއް ކަމަށް ކަނޑައަޅައި އޮސްޓްރިއާގެ ދުސްތޫރީ ކޯޓުން އޮތީ އެކަން ތަންފީޒު ކުރުން ހުއްޓުވައިފަ އެވެ.

އެކަން އެގޮތަށް ކަނޑައާފައި ވަނިކޮށް އަނެއްކާ ވެސް ހަމަ އެފަދަ އުސޫލަކަަށް އަމަލު ކުރަން ފާސްކޮށްފައިވާތީ އޮސްޓްރިއާގެ މުސްލިމު ކޮމިއުނިޓީން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނަމަވެސް ސަރުކާރުން ބުނީ ފާސްކުރި އާ އުސޫލު ޕައިލެޓް ކުރުމުގެ މަރުހަލާ އަންނަ ފެބްރުއަރީގައި ފަށައި، އަންނަ އަހަރުގެ ދިރާސީ އާ އަހަރު ސެޕްޓެބަރުގައި ފަށާނީ ރަސްމީކޮށް އާ އުސޫލަށް އަމަލު ކުރާ ގޮތަށް ކަމަށެވެ.