Last Updated: June 6, 18:51
Saturday, June 6, 2026
ޚަބަރު

ޤާނޫނާ ޚިލާފަށް ޕެސްޓިސައިޑު ބޭނުންކުރާ ނަމަ ރިޕޯޓްކޮށްދީ

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލު ކުރުމާ ބެހޭ ޤާނޫނާ ޚިލާފަށް ޕެސްޓިސައިޑު ބޭނުން ކުރުމަކީ ޤާނޫނީ ކުށެއް ކަމަށާއި، އެކަން ފާހަގަކުރެވޭ ނަމަ އެކަން ރިޕޯޓުކުރުމަށް އެގްރިކަލްޗަ މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް ޕެސްޓިސައިޑު އެތެރެ ކުރެވެނީ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ޤާނޫނުގެ ދަށުން، ޑިފެންސް މިނިސްޓްރީގެ ޚާއްޞަ ހުއްދައެއްގެ ދަށުން ކަމަށެވެ. އަދި ހުއްދަ ދިނުމުގެ ކުރިން އެގްރިކަލްޗަ މިނިސްޓްރީގެ އިޢުތިރާޒެއް ނެތްކަން ކަށަވަރުކުރެ ކަމަށެވެ.

މިނިސްތްރީން ހިންގާ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގުރާމްތަކުގައި ޕެސްޓިސައިޑު ރަނގަޅު ގޮތުގައި ބޭނުން ކުރުމުގެ މަޢުލޫމާތު ދެމުންދާ ކަމަށް ބަޔާނުގައި ބުބެފައިވެ އެވެ. އެގޮތުން ގެއްލުންދެނިވި ފަނިފަކުސަ ކޮންޓްރޯލް ކުރުމުގައި ތިމާވެއްޓާ ރަށްޓެހި ގޮތްތަކާއި، ބަޔޯޕެސްޓިސައިޑު، ބަޔޮލޮޖިކަލް އެޖެންޓްސް އަދި އިންސެކްޓް ޓްރެޕް ފަދަ އުކުޅުތައް ދަސްކޮށް ދެމުން ދެ އެވެ.

މިނިސްޓްރީން ބުނީ ޕެސްޓިސައިޑު ބަންދުކޮށްފައި ހުންނަ ކަންވާރުގައި ހަރުކޮށްފައި ހުންނަ ލޭބަލަކީ ޤާނޫނީ ލިޔުމެއް ކަމަށާއި، އޭގައި ޕެސްޓިސައިޑު ބޭނުން ކުރާ ގޮތާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ޞިއްޙީ ގެއްލުންތަކާއި، ނައްތާލާނެ ގޮތާއި، ފުރަތަމަ ޞިއްޙީ އެހީ އަދި ވިހާގެ ބޭހާ ބެހޭ މަޢުލޫމާތު ހިމެނޭ ކަމަށެވެ.

އެހެންވެ އެފަދަ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމުން ޞިއްޙަތަށް އޮތް ހިރާސް ކުޑަވާނެކަން ފާހަގަކޮށްފައިވެ އެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގައި އުފައްދާ މޭވާއާއި ތަރުކާރީގެ އިތުރުން ބޭރުން އެތެރެ ކުރެވޭ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ޞިއްޙަތަށް ކޮށްފާނެ ހިރާސް ދެނެގަތުމަށްޓަކައި އެތަކެތި ޓެސްޓުކުރުމަކީ އެންމެ ރަނގަޅު ޙައްލު ކަަށެވެ. މިކަމުގެ ޤާބިލުކަން ހޯދަން މިނިސްޓްރީ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.