Last Updated: July 8, 07:30
Wednesday, July 8, 2026
ޚަބަރު

ޓައުންޝިޕް މަޝްރޫއުއަކީ އާމްދަނީ ވައްދައިދޭނެ ބިޔަ މަޝްރޫއެއް

ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގެ ދަށުން ރާއްޖޭގައި ހިންގޭ ފުރަތަމަ ޓައުންސިޕް ޕްރޮޖެކްޓްވެގެންދާނީ، ރާއްޖޭގެ ޓެކްސް ބޭސް ފުޅާކޮށް، އާމުދަނީ ސަރުކާރަށް ވައްދައިދޭނެ ބިޔަ މަޝްރޫއަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިއީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ރާއްޖޭގައި ހިންގާ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއެވެ. މި ޕްރޮޖެކްޓު ހިންގުމަށް ހުއްދަ ދޫކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މި ޓައުންޝިޕަކީ 790 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިއަން ރުފިޔާގެ އަގުގައި ނ. އަތޮޅުގައި ތަރައްޤީކުރާ މަޝްރޫޢެއް ކަމަށެވެ. އަދި މި މަޝްރޫޢު ވެގެންދާނީ، ޒަމާނީ ވަސީލަތްތަކާއި ސިފަތަކާއެކު އިންޑިއާ ކަނޑުގެ އިތުރަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭނެ ތަފާތު މަޝްރޫޢަކަށް ކަމަށް ވިދާޅުވި އެވެ.

ޓައުންޝިޕްގައި ދުނިޔޭގެ ފެންވަރުގައި ޚިދުމަތްދޭ ސިއްޙީ އަދި ދުޅަހެޔޮ ކަމުގެ ފަރުވާލިބޭ ވަސީލަތް ޤާއިމް ކުރުމުގެ އިތުރަށް، ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް ސްކޫލަކާއި، 60 ޕަސެންޓް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ ގާބިލްކަން ހުރުން ލާޒިމުވާނެ ކަމަށެވެ.

‏މީގެއިތުރަށް، ދަނޑުވެރިކަމުގެ ވަސީލަތާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުއަރކަލްޗަރ، މެރިކަލްޗަރގެ ޒޯނެއްވެސް ހިމެނޭނެ ކަންވެސް ފާހަގަކުރެއްވި އެވެ.

"‏ފަތުރުވެރިކަމުގެ ކޮމްޕޯނަންޓްތަކުގެ އިތުރުން އިޖްތިމާއީ މުހިންމު އެސެޓުތަކެއް ތަރައްޤީ ކުރެވިގެންދާ މި މަޝްރޫޢަކީ، ސަރުކާރަށް އާމުދަނީ ވަންނާނެ މުހިންމު ޓެކްސްތައް ކަމުގައިވާ ޖީއެސްޓީ، ޓީޖީއެސްޓީ، ޓޫރިޒަމް ލީސްރެންޓް އަދި ގްރީން ޓެކްސް ވެސް ސަރުކާރަށް ލިބޭގޮތަށް ޤާނޫނަށް ބަދަލުގެނެވި އެސް.އީޒެޑަށް ހުއްދަ ދީފައިވާ މަޝްރޫއެއް،" ސައީދު ވިދާޅުވި އެވެ.

ސަޢީދު ވިދާޅުވީ، އެއީ ރާއްޖޭގެ ޓެކްސް ބޭސް ފުޅާކޮށް، އާމުދަނީ ސަރުކާރަށް ވައްދައިދޭނެ ބިޔަ މަޝްރޫޢެއް ކަމަށާ، އަދި ރާއްޖޭގައި ތިބެގެން، ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓާލިޓީ ސްކޫލެއްގައި ތަމްރީނުވެ، ޒުވާނުންނަށް އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދޭނެ މަޝްރޫޢެއް ކަމަށެވެ.

‏ސަޢީދު ވިދާޅުވީ، މިމަޝްރޫޢު 2028އަށް ނިންމާލެވޭނެ ކަމަށް، އެ ޓައުންޝިޕުގައި އިންވެސްޓްކޮށް ޑިވެލޮޕްކުރާ ފަރާތުން ސަރުކާރަށް މަޢުލޫމާތު ދެއްވާ ކަމަށާ، ސްޕެޝަލް އިކޮނޮމިކް ޤާނޫނަށް ހަޤީޤީ މާނައިގައި ޢަމަލުކުރަން ފަށައި އެޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައްވެސް ގެނެވިފައިވާ ކަމަށެވެ.

"މިފަދަ އެތައް ކަމަކުން ރަޢީސް ޑރ ⁦‪މުޙައްމަދު މުޢިއްޒުގެ‬⁩ ތަރައްޤީގެ މެނިފެސްޓޯ ޙަޤީޤަތަކަށްވަމުން އައުމަކީ ރައްޔިތުންނާއި ޤައުމަށް ލިބިގެންދާ ނުހަނުބޮޑު ކުރިއެރުމެއް،" ސަޢީދު ވިދާޅުވި އެވެ.