ހުޅުމާލޭގެ ބައެއް މަގުތައް ހެދުމާއި މަރާމާތުކުރުމަށް ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ހަވާލުކުރީ ހުޅުމާލޭގައި ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަން ތަރައްގީކުރުމުގެ މަސައްކަތުގެ ބަދަލުގައި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
މި މަސައްކަތުގެ އެއްބަސްވުމެއްގައި ސޮއިކުރީ މި މަހުގެ 3 ގަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި މި މަޝްރޫއުއަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ކަށަވަރުކުރުމަށްޓަކައި މިހާރު ވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ނުހެދި ހުރި މަގުތައް ހެދުމާއި ހަލާކުވެފައިވާ މަގުތައް މަރާމާތު ކުރުމަށްޓަކައި ކުރިއަށް ގެންދާ މަސައްކަތެއް ކަމަަށެވެ.
އަދި މ ި މަޝްރޫއުއަކީ އޮކްޓޯބަރު 2، 2022 ގައި ރޮޓައިމްއާ ހަވާލުކުރި "ހުޅުމާލޭގައި ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަން" ތަރައްގީ ކުރުމުގެ މަސައްކަތުގެ ބަދަލުގައި އެކުލަވާލެވުނު އެއްބަސްވުމެކެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފަސް މަގަކާއި ދެވަނަ ފިޔަވަހީގެ ބިޒްނަސް ފްލެޓް ކައިރީގައިވާ މަގު ހިމެނޭ ގޮތަށް ޖުމްލަ 19،001 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ހަމަޖެހިފައިވެ އެވެ. އަދިހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ މަގުތަކުގައި ހަލާކުވެފައިވާ 8،012 އަކަމީޓަރުގެ ސަރަހައްދެއް މަރާމާތުކޮށް އަލުން ތާރު އެޅުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
އެޗްޑީސީން ބުނި ގޮތުގައި ޖީއެސްޓީ ހިމެނޭ ގޮތާށް މި މަޝްރޫއުގެ އަގަކީ 91,8 މިލިއަން ރުފިޔާ ކަމަށެވެ.
މަޝްރޫއަށް ފައިސާ ދެއްކުމަށް ހަމަޖެހިފައި ވަނީ އެޗްޑީސީގެ ކޭޝްފްލޯއަށް ދަތިނުވާނެ ގޮތަށެވެ. އެގޮތުން 50 ޕަސެންޓް ފައިސާ އެއް އަހަރުގެ މުއްދަތަކަށް ބަހައިގެން ދެއްކުމަށް ފަހު ބާކީ 50 ޕަސެންޓް ފައިސާ 2027 އިން ފެށިގެން ހަ އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް އެއްބަސްވެފައިވެ އެވެ.