Last Updated: June 6, 22:05
Saturday, June 6, 2026
މުނިފޫހިފިލުވުން

ދޮންދަރި ސާރާއާ އެކު ކަރީނާގެ ފިލްމެއް

ކަރީނާ، ރޯހިތު އަދި ސާރާ.

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް އޭނަގެ ދޮންދަރިއެއް ކަމަށްވާ ސާރާ އަލީ ޚާނާ އެކު ފިލްމެއްގެ މަަސައްކަތް ކުރަން ހަކަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މި ފިލްމަކީ ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި ގާތް އެކުވެރިޔާ އަޖޭ ދޭވްގަން ގެނެސްދެމުން އަންނަ މަގުބޫލު ކޮމެޑީ ފިލްމު ސީރީޒް "ގޯލްމާލް" ގެ ފަސް ވަނަ ފިލްމު ކަމަށެވެ. ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފަށަން ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ކާސްޓުން މިހާރު ފައިނަލް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން "ގޯލްމާލް 5" ގެ ބަތަލާއިންގެ ރޯލުން ކަރީނާ އާއި ސާރާ ފެންނާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ މީހުންގެ އާއިލާ އަށް ނިސްބަތްވާ އެހެން މެންބަރަކު ވެސް އާ ފިލްމުގައި ހިމެނޭނެ އެވެ. އެއީ 2017 ގެ "ގޯލްމާލް ރިޓާންސް" ގެ ރޯލެއް ކުޅުނު ކުނާލް ކޭމޫ އެވެ.

އޭނަ އަކީ ކަރީނާގެ ފިރިމީހާ އަދި ސާރާގެ ބައްޕަ ސައިފް އަލީ ޚާންގެ ކޮއްކޮ ސޯހާ އަލީ ޚާންގެ ފިރިމީހާ އެވެ.

"ގޯލްމާލް" ގެނެސްދޭން ފެށީއްސުރެ މީގެ ކާސްޓުން އަބަދު ވެސް ފެންނަ ތަރިންނަކީ އަޖޭ އާއި އަރުޝަދު ވަރްސީގެ އިތުރުން ތުޝާރް ކަޕޫރެވެ. "ގޯލްމާލް 5" ގައި ވެސް އެ ތަރިން ހިމެނޭނެ އެވެ.

ކަރީނާ ކުރިން ވެސް "ގޯލްމާލް" ގެ ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ 2010 ގެ "ގޯލްމާލް 3" ގަ އެވެ. މީގެ އިތުރުން އަޖޭއާ އެކު ރޯހިތު ގެނެސްދޭ ކޮޕް ޔުނިވާސް އަށް ނިސްބަތްވާ "ސިންގަމް" ފްރެންޗައިޒްގެ ދެ ފިލްމެއް ވެސް އޭނަ ކުޅެފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ "ސިންގަމް އެގެއިން" އާއި 2014 ގެ "ސިންގަމް ރިޓާންސް" އެވެ.

"ގޯލްމާލް 5" އިން ސާރާ ފެންނާނެކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، އޭނަ ވެސް ކުރިން ރޯހިތާ އެކު މަސައްކަތްކޮށްފައިވެ އެވެ. އެއީ ކޮޕް ޔުނިވާސް އަށް ނިސްބަތްވާ ރަންވީރު ސިންގުގެ 2018 ގެ "ސިމްބާ" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ގޯލްމާލް 5" އަންނަ އަހަރުގެ އޮކްޓޯބަރުގައި ސިނަމާތަކަށް ގެންނާނެ އެވެ.