ނަފްސާނީ ޢިލްމުގެ ތަޢާރަފު
ނަފްސާނީ ޢިލްމަކީ އިންސާނާގެ ސުލޫކު ދިރާސާކޮށް ދެނެގަތުމުގެ ޢިލްމެވެ. އެއީ އޭނާގެ ފެންނާންހުންނަ (ޡާހިރީ) ކަންތައްތަކާއި ފޮރުވިފައި ހުންނަ (ބާޠިނީ) ކަންތައްތައް ހިމެނޭ ގޮތުންނެވެ. ފެންނާން ހުންނަ ކަންތައްތަކުގެ މިސާލަކީ ވާހަކަ ދެއްކުމާއި، ޙަރަކާތްތެރިވުން ފަދަ ކަންތައްތަކެވެ. ފެންނާން ނުހުންނަ ކަންތައްތަކުގެ މިސާލަކީ ވިސްނުމާއި، ޚިޔާލު ކުރުމާއި، ހަނދާން ކުރުން ފަދަ ކަންތައްތަކެވެ.
ނަފްސާނީ ޢިލްމު އެތައް ބަޔަކަށް ބެހިގެންވެ އެވެ. މި ފޮޅުވަތްތަކުގައި މި ބަލާލަނީ ތަރުބިއްޔަތު ކުރުމާ ގުޅޭ ނަފްސާނީ ޢިލްމުގެ މައްޗަށެވެ.
ތަރުބަވީ ނަފްސާނީ ޢިލްމު
ތަރުބަވީ ނަފްސާނީ ޢިލްމުގައި އަހައްމިއްޔަތުކަން ދެނީ އުނގެނުމާއި، އުނގަންނައި ދިނުމާއި، ތަރުބިއްޔަތު ކުރުމާއި ފެންވަރު ބަލައި ވަޒަން ކުރުން ފަދަ ކަންތައްތަކަށެވެ.
ތަރުބަވީ ނަފްސާނީ ޢިލްމުގެ ލަނޑުދަނޑިތައް
1. އުނގެނުމާއި އުނގަންނައި ދިނުން ރަނގަޅަށް ކުރިޔަށް ގެންދިޔުމަށް އެހީތެރިވުން
2. ފެންވަރު ބެލުމުގެ ވަޞީލަތްތަކުގެ އެހީގައި، ކިޔަވައިދޭ މީހާއަށް (މުޢައްލިމަށް) އެހީތެރިވުމާއި ފަސޭހަކޮށްދިނުން
3. އިންސާނާގެ ނަފްސާއި، ތަޢުލީމާއި ތަރުބިއްޔަތާ ގުޅިލާމެހިފައިވާ މިންވަރު ބަޔާންކޮށްދިނުން
ތަރުބަވީ ނަފްސާނީ ޢިލްމުގެ މުހިއްމު މަޞްދަރުތައް
1. ކީރިތި ޤުރުއާނާއި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞައްޙަ ޙަދީޘްތައް – އަދި މި އުންމަތުގެ ސަލަފުންގެ ފަހުމް
2. މި ދާއިރާގައި އިސްލާމީ ޢިލްމުވެރިން ކުރައްވާފައިވާ މަސައްކަތްތައް – މިސާލަކަށް އިބްނުލް ޤައްޔިމް ރަޙިމަހުﷲ ގެ ކިތާބުއް ރޫޙް، އިބްނުލް ޖައުޒީ ރަޙިމަހުﷲ ގެ ޞައިދުލް ޚާޠިރު ފަދަ ފޮތްތައް
3. މި ދާއިރާގައި މިޒަމާނުގެ ޢިލްމުވެރިންނާއި މުތަޚައްޞިޞުން ކުރައްވާފައިވާ މަސައްކަތްތައް – ޔޫސުފުލް ޤާޟީ އަދި މިޤްދާދް ޔާލްޖަންގެ ޢިލްމުއް ނަފްސުއް ތަރްބަވީ ފަދަ ފޮތްތައް
އިންސާނާގެ ނަފްސު ދެނެގަތުން
އިންސާނާގެ ނަފްސުދެނެގަތުމާއި އޭގެ ޙަޤީޤަތާމެދު ވިސްނާ ފިކުރުކޮށް ހޯދައި ބެލުމަކީ ވަރަށް ބޮޑު އަހައްމިޔަތުކަމެއް ދެވޭ ކަމަކެވެ.
ސަބަބަކީ އޭގެ މައްޗަށް ބިނާވެފައިވާ ވަރަށް ގިނަ ފައިދާތައްވާތީ އެވެ.
އެގޮތުން:
1. މި ނަފްސާމެދު އަހަރެމެން ވިސްނާ ފިކުރު ކުރުމުން އަހަރެމެންނަށް ﷲ ސުބްހާނަހޫ ވަތަޢާލާގެ އަމުރުފުޅަށް ކިޔަމަންވެވެއެވެ. އެއިލާހު ވަޙީ ކުރައްވާފައިވެ އެވެ. وَفِي أَنْفُسِكُمْ أَفَلا تُبْصِرُونَ – الذاريات 21 ”ތިޔަބައިމީހުންގެ ނަފްސުތަކުގައިވެސްވެއެވެ. ފަހެ ތިޔަބައިމީހުން ވިސްނައި ބަލައި ނުހަދަނީ ހެއްޔެވެ؟”
2. މި ނަފްސުގެ މަތިވެރިކަމާއި މި ނަފްސު ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަން ދެނެގަތުން
3. ތަރުބަވީ އަދި ނަފްސާނީ ގޮތުން ބަލާއިރު، މި ނަފްސު މަޢުރިފާކޮށް ދެނެގަތުމުގެ ސަބަބުން ނަފްސާ މެދު މުޢާމަލާތު ކުރަން ޖެހޭ ގޮތާއި ނަފްސުގެ ޙާލާއި، ދިމާވާ މައްސަލަތަކާއި އެ މައްސަލަތައް ޙައްލުކުރާނޭ ގޮތާއި، އަދި ނަފްސައިގެން ހަމަޖެހުމާއި އުފާވެރި ކަމަށް ދަތުރު ކުރާނޭ މަގު އެނގިގެން ދެ އެވެ.
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.