ބޮޑުކަންނެލީގެ މަސްވެރިންގެ މުޒާހަރާގެ ތެރެއިން އިއްޔެ ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ)ގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފި އެވެ.
މައުރޫފްގެ ބަންދަށް ފަސް ދުވަސް ޖެހީ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.
މަސްވެރިންގެ އިހްތިޖާޖުން ހައްޔަރުކުރި މައުރޫފް އާއި އިތުރު މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމާއި ދެކޮޅަށް އެމްޑީޕީ އާއި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ މަސްވެރިން ވަނީ ކޯޓު ސަރަހައްދުގައި މިއަދު އަޑުއުފުލާފަ އެވެ.
ކަންނެލި ގަނެ، މާކެޓު ކޮށްގެން ފައިސާ ހޯދައިދިނުމަށް ސަރުކާރުން ވީ ވައުދު ނުފުއްދާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން، މުޒާހަރާކުރަން ފެށީ މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު އެވެ. މި އިހުތިޖާޖު އިއްޔެ މެންދުރެއް ހާއިރު ރޫޅާލިއިރު ތިން މީހަކު ހައްޔަރުކޮށް ތިން ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ފުލުހުން ބުނީ ބާރުގެ ބޭނުންކޮށް އިހުތިޖާޖު ރޫޅާލަން ޖެހުނީ މާލެ ކައިރީގައި މުޒާހަރާކުރަމުންދިޔައިރު ތަކުރާރުކޮށް ނަސޭހަތްދިނުމުން ވެސް އެކަންކަމަށް މަސްވެރިންގެ ޔޫނިއަނުން އިޖާބަ ދީފައިނުވާތީ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ޑިސެންބަރު 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖާ ގުޅިގެން ފާއިތުވި 24 ގަޑިއިރު ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިންނާ އެކިގޮތްގޮތުން މުއާމަލާތްކޮށް، އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާ ގުޅިގެން އިހުތިޖާޖުގައި ބިދޭސީން ބައިވެރި ނުކުރުމަށާއި އެސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު އަދި ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށްވުމާއެކު އެކަމުގެ ސަބަބުން އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާވަމުންދާތީ އާއި މާލެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުތަކަށް ދަތިނުވާގޮތަށް އަމަލުކުރުމަށާއި އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށާއި މާލެގޭ ފަޅަށް ވަދެ ނުކުމެހަދާ އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައި ކަމަށެވެ.
ނަމަވެސް ތަކުރާރުކޮށް ފުލުހުންގެ އަންގާފައިވާ މިއެންގުންތަކަށް އިޖާބަ ނުދީ، އެކަންކަމަށް ދެކޮޅުހަދައި، މާލޭ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރު ދަތުރުކުރުމަށް ދަތިކޮށް، ހުރަސް އަޅަން މަސައްކަތްކޮށް، މާލޭގެ އުތުރު ފަރާތު ފަޅަށް ނުވަދެވޭނެހެން ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވަނިކޮށް ފަޅަށް ވަންނަން މަސައްކަތްކުރުމާއި ފަޅަށް އެކި ބޭނުންތަކަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައިކަމަށް ފުލުހުން ބުނެފައިވެ އެވެ.