Last Updated: July 8, 07:30
Wednesday, July 8, 2026
ޚަބަރު

ކުށްތަކަށް އަރައިގަންނަ މީހުން މިހާރު ޖެހިލުންވާނެ

ފުލުހުންގެ މަރުކަޒުތައް ގާއިމުވުމާއެކު ކުށްތަކަށް އަރައިގަންނަމުންދާ މީހުން މިހާރު ޖެހިލުންވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރ. މާކުރަތު ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ ރަށެއްގައި ފުލުހުންގެ މަރުކަޒެއް ގާއިމުވެގެންދިޔުމަކީ އެކި ގޮތްގޮތުން އެ ރަށަކަށް އެކަމުގެ ފައިދާ ލިބިދޭ ކަމެއް ކަމަށާއި އެގޮތުން ކުށުގެ ވެއްޓަށް އަރައިގަންނަން ބޭނުންވާ އަދި ކުށުގެ ވެއްޓަށް އަރައިގަންނަމުންދާ މީހުންނަށް މިހާރު ޖެހިލުންވާނެ ކަމަށެވެ.

"ފުލުހުންގެ މަރުކަޒެއް ކައިރީގައި ފެންނަން ހުރުމުން ހިތަށް އެ ބިރުވެރިކަން އަންނާނެ. އަދި ހަމައެއާއެކު އެމީހުން ކުށުގެ މާހައުލުން ދުރުކުރުމަށް ޓަކައި ފުލުހުންނަށް ގާތުން މަސައްކަތް ކުރެވެން ފެށޭނެ. ފުލުހުންގެ ޚިދުމަތައް ދިވެހި ރައްޔިތުން ބޭނުންވާ ކޮންމެ ވަގުތަކު ގާތުގައި ތިބެ އެ ޚިދުމަތް ދޭން ފަށާނެ." އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ މި މަރުކަޒާއެކު ކުށުގެ މާހައުލު ނައްތާލުމަށްޓަކައި އަދި ކުށުން މީހުން ދުރުކުރުމަށްޓަކާ ކުރަންޖެހޭ އާދަޔާ ހިލާފު މަސައްކަތްތައް ވެސް އަވަހަށް ކުރެވިގެންދާނެ ކަމަށެވެ. ރާއްޖޭގައި ގޭންގް ހަދައިގެން ކުށްކުރުމުގެ މާހައުލު ނައްތާލުމާއި، ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމާއި، ކުޑަކުދިން ކުށުގެ މާހައުލަށް ވަންނަމުންމިދާ ދިއުން ހުއްޓުވުމާއި ޑްރަގްގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން ހައްސަ އިސްކަމެއް ދީގެން ކުރަމުންދާ ކަންތައްތަކެއް ކަމަށް އިހުސާން ވިދާޅުވި އެވެ.

އެގޮތުން މާކުރަތުގައި ހުޅުވިގެން މިދިޔަ ފުލުހުންގެ މަރުކަޒުން މިކަންކަމަށް މަސައްކަތްކުރަމުންދާނެ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.