Last Updated: July 8, 07:30
Wednesday, July 8, 2026
ޚަބަރު

މަސްވެރިންގެ އިހުތިޖާޖު: ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފި

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭޔޫ) އިން ކަނޑުމަތީ ކުރި އިހުތިޖާޖުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން ދޯނި ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށާއި އަދި އިހުތިޖާޖާއި ގުޅިގެން 4 ބިދޭސީއަކު އިމިގްރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އިހުތިޖާޖުގެ ތެރެއިން ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ހައްޔަރުކޮށްފަ އެވެ. އެއީ ބޮޑުކަންނެލި ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް އަދި އެ ޖަމިއްޔާގެ ފައުންޑާއެވެ. ކޯޓުން އިއްޔެ ވަނީ މައުރޫފުގެ ބަންދަށް ފަސް ދުވަސް ޖަހައިފަ އެވެ.

ކަންނެލި ގަނެ، މާކެޓު ކޮށްގެން ފައިސާ ހޯދައިދިނުމަށް ސަރުކާރުން ވީ ވައުދު ނުފުއްދާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން، މުޒާހަރާކުރަން ފެށީ މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު އެވެ.

ފުލުހުން ބުނީ ބާރުގެ ބޭނުންކޮށް އިހުތިޖާޖު ރޫޅާލަން ޖެހުނީ މާލެ ކައިރީގައި މުޒާހަރާކުރަމުންދިޔައިރު ތަކުރާރުކޮށް ނަސޭހަތްދިނުމުން ވެސް އެކަންކަމަށް މަސްވެރިންގެ ޔޫނިއަނުން އިޖާބަ ދީފައިނުވާތީ ކަމަށެވެ.