Last Updated: July 8, 07:30
Wednesday, July 8, 2026
ޚަބަރު

އެމްޑީޕީގައި ކޮޅުފައިން ޖަހާފައި ދާނެ މީހަކަށް ނުވާނަން

އެމްޑީޕީގައި ކޮޅުފައިން ޖަހާފައި ދާނެ މީހަކަށް ނުވާނެ ކަމަށް ދެވަނަ ދައުރަކަށް މަގާމު ދިފާއުކުރައްވަން މަސައްކަތް ކުރައްވާ، މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގެ ފޯރިވަނީ ގަދަވެފަ އެވެ. އެގޮތުން މި ޕްރައިމަރީގައި އާދަމް އާޒިމްއާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.

ވިލިމާލޭގައި ރޭ ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން މާޔޫސްކޮށް ނުލާނެ ކަމަށާއި އަދި އެ ޕާޓީގެ މެމްބަރުން މަގުމަތިކޮށް ނުލާނެ ކަމަށެވެ.

"ތިބޭފުޅުން ހޮވާ ދިނީމާ އެމްޑީޕީގައި ކޮޅުފައިން ޖަހާފައި ދާނެ މީހެއް ނޫން އަޅުގަނޑަކީ. ހޮވާ ދިނީމާ އަޅުގަނޑު ތިބޭފުޅުންނާ އެކު ހުންނާނަން، ކިތަންމެ ގަދަ ކަނޑެއްގައި ވެސް އިރާދަކުރެވިއްޔާ ދަތުރުކުރުމަށް އަޅުގަނޑު މިހުރީ ތައްޔާރަށް،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ދެވަނަ ދައުރަކަށް ހޮވައިދޭން އެދި ރައްޔިތުން ކައިރިއަށް ދަނީ، ކަންތައްތައް ކޮށްދީފައި ކަމަށާއި މަގާމަކަށް އިންތިޚާބުކޮށްދޭން އެދި، ރައްޔިތުންނަށް ކަންކަން ކޮށްނުދީ އައިސްގެން ނުވާނެ ކަމަށެވެ. އަދި ނުކުރެވޭ ކަންކަން ހުރުމުން ފިލަންވީ ނޫން ކަމަށާއި އޭގެ ބަދަލުގައި އެ ކަންކަން ކުރެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

"އުޒުރު ދައްކާ މީހުން އުޅޭނެ ވަރަށް. އެ ސަރުކާރޭ މި ސަރުކާރޭ. އަޅުގަނޑު އެއްވެސް އުޒުރެއް ނުދައްކަން. އަޅުގަނޑު ވިސްނީ ހިކުމަތްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކޮށްދޭން. ކުރިއަށް އޮތް ތަނުގައި ވެސް ވިސްނުން ހުރީ އެގޮތަށް މަސައްކަތް ކޮށްދޭން،" އާޒިމް ވިދާޅުވި އެވެ.