Last Updated: July 8, 07:30
Wednesday, July 8, 2026
ކުޅިވަރު

މެސީ އިންޑިއާ އަށް، ހޫނު ތަރުހީބެއް

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީ ފުޓްބޯޅައިގެ ހަރަކާތްތަކެއްގައި ބައިވެރިވުމަށް އިންޑިއާ އަށް ގޮސްފި އެވެ.

އިންޑިއާގެ ފުޓްބޯޅައިގެ ހިތް ކަމަށްވާ ކަލްކަތާ އަށް ރޭ ދަންވަރު މެސީ އައުމާއެކު އޭނާއަށް މަރުހަބާ ކިޔުމަށް އެތައް ހާސް ބަޔަކު އެއާޕޯޓު ސަރަހައްދަށް ޖަމާވެފައިވެ އެވެ. މެސީގެ އިތުރުން މި ދަތުރުގައި ލުއިސް ސުއަރޭޒް އާއި އާޖެންޓީނާގެ މިޑްފީލްޑަރު ރޮޑްރިގޯ ޑި ޕޯލް ވެސް ބައިވެރިވެ އެވެ.

މި ދަތުރުގައި ކަލްކަތާގައި މެސީގެ ޝަރަފުގައި ހަދާފައިވާ ހަނދާނީ ބިނާއެއް މެސީ މިއަދު ހުޅުވައިދޭނެ އެވެ. ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުމްބާއީގައި ބޮލީވުޑްގެ ބައެއް ތަރިންނާއެކު ވެސް އިވެންޓެއްގައި މެސީ ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

މެސީގެ އެންމެ ފަހު މަންޒިލަކީ ވެރިރަށް ނިއު ދިއްލީ އެވެ. އެގޮތުން ނިއު ދިއްލީގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ މެސީ ބައްދަލުކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.

މެސީގެ މި ދަތުރުގައި ކޮންމެ ސިޓީއެއްގައި ވެސް ކުޑަކުދިންނަށް ހާއްސަ ފުޓްބޯޅަ ސެޝަންތަކެއް ނަގައިދިނުމަށް ހަމަޖެހިފައިވާއިރު، ސަޕޯޓަރުންނާއި ވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވެ އެވެ.

މެސީ ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މަޔާމީ އަށް ސީޒަން ނިމިފައިވާއިރު، އޭނާ ވަނީ އެޓީމަށް އެމްއެލްއެސް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މިއީ މެސީގެ ކެރިއަރުގައި ކާމިޔާބުކުރި 48 ވަނަ ތަށްޓެވެ.