ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރ. ދުވާފަރަށް ވަޑައިގެންފި އެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރާ ރަށަށް ރައީސް ވަޑައިގަތީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާއަށެވެ. ރައީސްގެ އަރިހުގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވެސް ދުވާފަރަށް ވަޑައިގަތެވެ.
ރައީސްގެ މިދަތުރުގައި ދުވާފަރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަ ކުރަން ވެސް ހަމަޖެހިފައިވެ އެވެ.
މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަދި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ދުވާފަރުގައި މިހާރު ކުރިއަށްދާ އެކި އެކި ހަރަކާތްތަކުގައި ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.