Last Updated: June 6, 22:05
Saturday, June 6, 2026
މުނިފޫހިފިލުވުން

އިމްތިއާޒްގެ އާ ފިލްމުގެ ޝޫޓިން ދިލްޖީތު ނިންމާލައިފި

ޑައިރެކްޓަރު އިމްތިއާޒް އަލީއާ އެކު މަސައްކަތްކުރި ދެވަނަ ފިލްމުގެ ޝޫޓިން އެކްޓަރު ދިލްޖީތު ދޮސަންޖް ނިންމާލައިފި އެވެ.

މި ވާހަކަ އޭނަ އިންސްޓަގްރާމްގައި ހިއްސާކުރީ ފޮޓޯތަކަކާ ވެސް އެކީގަ އެވެ. އެކަމަކު އާ ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

ނަމަވެސް މި ފިލްމަކީ ކާސްޓްގައި ޒުވާން ތަރިން ކަމަށްވާ ޝަރްވާރީ ވާގް އާއި ވެދާންގް ރައިނާގެ އިތުރުން ނަސީރުއްދީން ޝާހް ވެސް ހިމަނައިގެން މި އަހަރުގެ މެދުތެރޭގައި ޝޫޓިން ފެށި ފިލްމު ކަމަށް ބެލެވެ އެވެ.

މީގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް މިއާ ބެހޭ އެއްވެސް މައުލޫމާތެއް އިމްތިއާޒް ވެސް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ. އެހެންވެ މީގެ ނަމެއް ވެސް އަދި ސާފެއް ނުވެ އެވެ.

"ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" އަދި "ރޮކްސްޓާ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން އިމްތިއާޒްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ކުރީކޮޅު ދިލްޖީތާއި ޕަރިނީތީ ޗޯޕްޅާއާ އެކު ގެނެސްދިން "އަމަރް ސިންގް ޗަމްކީލާ" އެވެ.

ލަވަކިޔުންތެރިއެއްގެ ގޮތުގައި ވެސް މަޝްހޫރު އަދި ޕަންޖާބުގެ އެންމެ ނުފޫޒު ގަދަ ތަރިންގެ ތެރޭގައި ހިމެނޭ ދިލްޖީތުގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ އަންނަ މަހުގެ 23 ގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ "ބޯޑާ 2" އެވެ.