އިންޑިއާގެ ވަރަށް ޒަމާންވީ ފައިވާނެއްގެ ޑިޒައިން ކޮޕީކޮށް "އަމިއްލަ" ކުރުމުން އަމާޒުވި ފާޑުކިޔުންތަކަށް ފަހު، އެއްބަސްވުމެއްގެ ދަށުން އެ ފައިވާން ލޯންޗް ކުރަން އިޓަލީގެ މަޝްހޫރު ފެޝަން ކުންފުނި ޕްރާޑާ އިން ތައްޔާރުވެއްޖެ އެވެ.
އެ ކުންފުނިން ކޮޕީކުރީ އިންޑިއާގެ "ކޯލަޕޫރީ" ފައިވާނެވެ. މިއީ ފައިގެ ބޮޑުވައި އިނގި ކޮއްޕާ ގޮތަށް އަދި ފައިވާނުގެ މަތީގައި މެދުން އިންނަ ބޭންޑަކާއި ބޮޑުވައި އިނގިލީ ކޮއްޕާ ބައި ފަށަކުން ގުޅުވާފައި އިންނަ ގޮތަށް ތައްޔާރުކުރާ ފައިވާނެކެވެ. އަދި މިއީ ދެ ޖިންސަށް ވެސް ހާއްސަކޮށްގެން ނެރޭ ފައިވާނެކެވެ.
އިންޑިއާގައި މި ފައިވާން އުފައްދަމުން އަންނަނީ 12 ވަނަ ގަރުނުން ފެށިގެންނެވެ.
ނަމަވެސް "ކޯލަޕޫރީ" ފައިވާންގެ ޑިޒައިނަކީ ޕްރާޑާގެ ޑިޒައިނެއް ކަމަށް ބުނެ އެކަން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އިއުލާން ކުރުމުން އެ ކުންފުުންޏަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެ، ގިނަ ބައެއްގެ މަލާމާތާ ވެސް ކުރިމަތިލާން ޖެހުނެވެ.
މިކަމާ ގުޅިގެން ޕްރާޑާ އިން ނިންމީ "ކޯލަޕޫރީ" ފައިވާނުން އިންސްޕަޔާވެގެން އެ ކުންފުނިން ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި ބައިނަލްއަގްވާމީ މާކެޓަށް މި ފައިވާން ނެރުމަށެވެ. މިކަމުގެ އެއްބަސްވުގައި ޕްރާޑާ އިން 'އިންޑިއާ-އިޓަލީ ބިޒްނެސް ފޯރަމް" ގައި މިދިޔަ ބުރާސްފަތީގައި "ކޯލަޕޫރީ" ފައިވާން ހަދާ މައި ދެ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮ ވެސް ކޮށްފަ އެވެ.
އެ ދެ ކުންފުންޏަކީ ލެދާ އިންޑަސްޓްރީސް އެންޑް ޗަރްމަކަރް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެލްއައިޑީސީއޯއެމް) އާއި ލެދާ އިންޑަސްޓްރީސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެލްއައިޑީކޭއޭއާރް) އެވެ.
އެގޮތުން 2،000 ފައިވާންގެ ކަލެކްޝަނެއް ޕްރާޑާގެ ނަމުގައި މާކެޓަށް ލޯންޗް ކުރަން ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރި ޕްރާޑާގެ 40 އެއްހާ އައުޓްލެޓްތަކުން މި ލިމިޓެޑް އެޑިޝަންގެ ފައިވާން ވިއްކަން ހަމަޖެހިފައިވެ އެވެ. އަގަކީ 939 ޑޮލަރެވެ. އެއީ އިންޑިއާ ރުޕީސް އިން ގާތްގަނޑަކަށް 84،000 ރުޕީސް އެވެ.
މި ކަލެކްޝަނާ ގުޅޭ ގޮތުން ޕްރާޑާގެ ސީއެސްއާރްގެ ހެޑް ލޮރެންޒޯ ބާޓެލީ ވިދާޅުވީ "ކޯލަޕޫރީ" ފައިވާނުން އިންސްޕަޔާވެގެން ނެރޭ ފައިވާނަކީ އިންޑިއާގައި ނެރެމުން އަންނަ ފައިވާގެ ކޮލިޓީއާ އެއް ފެންވަރެއްގައި ނެރޭ ކަލެކްޝަނެއް ކަމަށެވެ.
"މިއީ މީގެ އަސްލު ސްޓޭންޑާޑާ އެއްވަރަށް އަދި އަހަރެމެންގެ ޓެކްނިކްސް ވެސް ހިމަނައިގެން ތައްޔާރުކޮށްގެން ނެރޭ ކަލެކްޝަނެއް." އޭނަ ވިދާޅުވި އެވެ.