މިދިޔަ އަހަރު ރިލީޒްކުރި އިންޑިއާގެ ފިލްމު "ޕުޝްޕާ 2: ދަ ރޫލް" އަންނަ މަހު ޖަޕާންގައި ރިލީޒް ކުރަން ނިންމައިފި އެވެ.
އެ ގައުމުގެ ބަހުން ޑަބްކޮށް، ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖެނުއަރީ 16 ގަ އެވެ. ޖަޕާންގައި އަޅުވަން ހަމަޖެހިފައިވާ "ޕުޝްޕާ 2" ގެ ޓްރެއިލާ ވެސް މިހާރު އާންމުކޮށްފައިވެ އެވެ.
މިދިޔަ އަހަރު ޑިސެމްބަރުގައި ރިލީޒްކުރި މި ފިލްމަކީ ބޮކްސް އޮފީހުގައި 1،800 ކްރޯޑް ރުޕީސް (116.14 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ޖުމްލަ 500 ކްރޯޑް ރުޕީސް (5.5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ޕުޝްޕާ" އަކީ 2021 ގައި ގެނެސްދިން "ޕުޝްޕާ" ގެ ސީކްއެލް އެވެ.
ސުކްމާރު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ މަޝްހޫރު ތެލެގޫ އެކްޓަރު އައްލޫ އަރުޖުން އެވެ. މީގެ ކާސްޓްގައި ރަޝްމިކާ މަންދަނާ، ފަހަދު ފާސިލް އަދި ޖަގަޕަތީ ބާބޫ ފަދަ ފަންނާނުން ހިމެނެ އެވެ.
"ޕުޝްޕާ" ގެ ތިން ވަނަ ބައެއް ވެސް ހަދަން ނިންމާފައިވާ އިރު، އެކްޓަރު އައްލޫ މިހާރު އަންނަނީ ތަމަޅަ ޑައިރެކްޓަރު އެޓްލީގެ އާ ފިލްމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ބަތަލާ އަކީ ދީޕިކާ ޕަދްކޯނެވެ.
"ޕުޝްޕާ 2" ޖަޕާންގެ ސިނަމާތަކަށް ގެންނަން ތައްޔާރުވަމުން އަންނަ އިރު، މީގެ ކުރިން ވެސް އިންޑިއާގެ ބައެއް ފިލްމުތައް އެ ގައުމުގައި އަޅުވައިގެން ބޮޑެތި ފައިދާތަކެއް ހޯދާފައިވެ އެވެ.