Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

ޔޫއެޗްސީ ފޯރަމް ފަށައިފި

މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް (ޔޫއެޗްސީ ފޯރަމް) މިއަދު ފަށައިފި އެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އާއި ހެލްތު މިނިސްޓްރީ ގުޅިގެން ރާއްޖޭގައި އަލަށް ބާއްވާ މި ފޯރަމް ކުރިއަށް ދާނީ މިއަދާއި މާދަމާ ކުރުނބާ މޯލްޑިވްސް ރިސޯޓްގަ އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުން ބައިވެރިން ހިމެނޭހެން 100 އަށް ވުރެ ގިނަ މީހުން މި ފޯރަމްގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިތުރުން، ގުޅުން ހުރި އެހެން އިދާރާތަކާއި ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާއި، ޞިއްޙީ ދާއިރާއިން ތަޢުލީމާއި ތަމްރީންދީ ދިރާސާ ކުރާ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަށް ހިމެނެ އެވެ.

ރާއްޖެއިން ބޭރުން ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި، އެ ޤައުމުތަކުގެ ތަޖްރިބާ ޙިއްޞާކުރުމަށް އިންޑިއާ، ބޫޓާން، ސްރީ ލަންކާ، އިންޑޮނީޝިއާ އަދި ފިލިޕީންސްގެ ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކުގެ އިތުރުން، ޑަބްލިއުއެޗްއޯ. ޔުނިސެފް، ޔޫއެންޑީޕީ، އެފްއޭއޯ އަދި އައިއޯމް ފަދަ އދ ގެ އިދާރާތަކުގެ އިތުރުން، ޞިއްޙީ ކަންކަން ކުރިއަރުވާ ޤައުމުތަކަށް އެހީތެރިވާ ގްލޯބަލް ފަންޑް، ގަވީ، ވޯލްޑް ބޭންކް، އައިއެސްޑީބީ، އީއައިބީ، އަދި ގޭޓްސް ފައުންޑޭޝަން ފަދަ ޑެވެލޮޕްމެންޓް ބޭންކްތަކާއި ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަށް ހިމެނެއެވެ.

ޔޫއެޗްސީގެ މަފްހޫމަކީ، އެކަށީގެންވާ ފެންވަރުގެ ޞިއްޙީ ޚިދުމަތް، ތަފާތެއްނެތި އަދި އެއްވެސް މީހަކު ބާކީ ނުވާނޭހެން، އެ މީހަކު ދިރިއުޅޭ ކޮންމެ ތަނަކުން ފަސޭހަކަމާއި އެކު ލިބެން ހުރުމެވެ. ޔޫއެޗްސީ ޙާޞިލުކުރުމަކީ 2030 ގެ ނިޔަލަށް ޙާޞިލު ކުރުމަށް ދުނިޔޭގެ ފެންވަރުގައި ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި (އެސްޑީޖީ) ގައި ކަނއަޅާފއިވާ އަދި ޤައުމެއްގެ ޞިއްޙީ ނިޒާމުގެ ފުރިހަމަކަން އަންދާޒާކޮށް މިންކުރުމަށްވެސް ބަލާ ލަނޑުދަނޑިއެކެވެ.

އެސްޑީޖީއަކީ އދ. ގެ މެމްބަރު ގައުމުތަކުން 2015-2030 ވަނަ އަހައި ހަމައަށް ދުނިޔޭގެ ތަރައްގީ ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެކުލަވާލާ ފްރޭމްވޯކެކެވެ.

އެސްޑީޖީގެ ގޯލްސްތައް 2030އަށް ހާސިލްކުރުމަށް އަމާޒުހިފާފައިވާއިރު، ރާއްޖޭގައި ޔޫއެޗްސީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ގާތްގަނޑަކަށް 70 ޕަސަންޓްގައި ސާވިސް ކަވަރޭޖް އިންޑެކްސެއް ހާސިލުކޮށްފައިވެ އެވެ.

އެގޮތުން ސިއްޙީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާ އިރު، ރައްޔިތުންގެ ބައިވެރިވުމާއެކު ރައްޔިތުންނާ ގާތުން ރައްޔިތުންގެ ޙަލަތަށް ރިޢާޔަތް ކޮށްގެން ޚިދުމަތް ދިނުމަށްޓަކައި، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޕްރައިމަރީ ހެލްތު ކެއާގެ އުޞޫލަށް ޚިދުމަތްތައް ބައްޓަންކުރުމާ، ދުރާލާ ބަލިން ރައްކާތެރިވުމަށް "ޕްރިވެންޓިވް ހެލްތު ކެއާ" ޕްރޮގްރާމްތައް ފެށުމާއި، މެޑިކަލް ޗެކަޕް ތަޢާރަފު ކުރުމާ، އާސަންދައިގެ ނިޒާމަށް ގެނެވިފައިވާ ހެޔޮ ބަދަލު ހިމެނެ އެވެ.

މީގެ އިތުރުން، އިމަޖެންސީ ސިއްޙީ ޚިދުމަތަށް ޚާއްސަ މުއައްސަސާއެއް އުފައްދައު ކުއްލި ޙާލަތުގައި ބަލިމީހުންނަށް އަވަހަށް ފަރުވާ ޔަޤީން ކުރުމަށް އެއަރ އެމްބިއުލަންސްގެ ޚިދުމަތް ތައާރަފު ކުރުމާއި، ބިދޭސީ މަސައްކަތްތެރިންގެ ޞިއްޙީ ކަންކަން ހަރުދަނާ ކުރުމާއި، މައިންނާއި ތުއްތު ކުދިންނަށް ލިބޭ ޞިއްޙީ ފަރުވާއާއި ޚިދުމަތުގެ ރެކޯޑްތަކާއި ޞިއްޚީ މައުލޫމާތު މި ހިދުމަތް ހޯދާ ޢާއްމު ފަރާތްތަކަށްވެސް "މޯލްޑިވްސް އިންޓަގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް"، މެދުވެރިކޮށް ބެލޭނެ އިންތިޒާމު ވެސް ހިމެނެ އެވެ.

އެހެން ޤައުމުތަކުގެ ތަޖްރިބާއަށް ބަލައި ،އަދި ރާއްޖޭގައި ދިމާވެފައިވާ ބައެއް ގޮންޖެހުންތަކާއި ސަރުކާރުން ފަށާފައިވާ ޞިއްޙީ ދާއިރާ ޑިޖިޓަލް ކުރުމުގެ ޕްލޭންއަށް ރިޢާޔަތްކޮށް، ރާއްޖޭގައި ޔޫއެޗްސީ ޙާޞިލު ކުރުމަށް 2026-2030 އަށް މަގު ޗާޓެއް އެކުލަވާލުމާއި، އަދި މި މަސައްކަތުގައި ބައިނަލް އަޤްވާމީ އިދާރާތަކުން ރާއްޖެ އަށް ފަންނީ އަދި މާލީ އެހީތެރިކަން ދެވެންހުރި ދާއިރާތަކާއި ކަންކަމާއިމެދު މި ފޯރަމްގައި މަޝްވަރާކޮށް ނިންމުންތައް ނިންމަން ހަމަޖެހިފައިވެ އެވެ.