Last Updated: July 8, 09:50
Wednesday, July 8, 2026
ޚަބަރު

މައުރޫފް ހައްޔަރުކުރި މައްސަލަ އައިއެލްއޯއަށް ހުށަހަޅައިފި

މަސައްކަތްތެރިންގެ ހައްގުގައި އަޑުއުފުލަމުންދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހައްޔަރުކުރި މައްސަލަ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަނަށް (އައިއެލްއޯ) އެމްޑީޕީން ހުށަހަޅައިފި އެވެ.

އެމްޑީޕީން ބުނީ ބޮޑުކަންނެލި މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރަންފެށި ސުލްހަވެރި އިހުތިޖާޖަށް ސަރުކާރުން ހުރަސްއަޅައި، މެމްބަރު މައުރޫފް ހިމެނޭހެން 8 މީހަކު އެ ހަރަކާތުގެ ތެރެއިން ޤާނޫނާ ހިލާފަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ، އައިއެލްއޯ އަށް ހުށަހަޅާފައިވާ ކަމަށެވެ.

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް، މަސައްކަތްތެރިންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން އަޅާންޖެހޭ ފިޔަވަޅުތައް އަވަހަށް އަޅައިދިނުމަށް، އެ ހުށަހެޅުމުގައި އެދިފައިވާނެ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި، މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ހެޔޮނިޔަތުގައި މަސްވެރިންގެ މަންދޫބުންނާ މަޝްވަރާކުރަން ފެށުމަށް ސަރުކާރަށް އަންގަވައިދެއްވުމަށް ވެސް އެމްޑީޕީން ވަނީ އެދިފަ އެވެ.

އެމްޑީޕީން ވަނީ މައުރޫފް އާއި އެތައް ބަޔަކު ޤާނޫނާ ހިލާފަށް ހައްޔަރުކުރުން ކުށްވެރިކޮށް، އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލާފަ އެވެ. އަދި ރައްޔިތުންގެ އަސާސީ ހައްގުތަކާއި، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް ވެސް ގޮވާލާފައިވެ އެވެ.