Last Updated: July 8, 10:05
Wednesday, July 8, 2026
ޚަބަރު

މައުރޫފަށް ލިބުނު އަނިޔާއަކާ ގުޅިގެން އޮޕަރޭޝަނެއް ކުރަނީ

ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ސެކެޓްރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މަޢުރޫފް ޒާކިރު (މަޓޭ)އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޮޕަރޭޝަނެއް ކުރަމުން އަންނަ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހުސެއިން ހަސަން ވިދާޅުވީ ކުއްލި އޮޕަރޭޝަނެއް ކުރުމަށް މައުރޫފް އެމަޖެންސީ ރޫމުން ނެރެގެން އޮޕަރޭޝަން ތިއޭޓަރަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ވެސް ހޮސްޕިޓަލުގައި މިވަގުތު ތިއްބެވި ކަމަށް ހުސެއިން ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މައުރޫފް ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންދެވިފައިވަނީ އޭނާ އެދުމުގެ މަތިން ކަމަށެވެ. އަދި ޑޮކްޓަރަށް ދައްކަން މައުރޫފް އެދިފައިވަނީ، ފުލުހުންގެ ބަންދުގައި ހުއްޓައި ދިމާވި ކަމަކާ ގުޅިގެން ނޫން ކަމަށް ފުލުހުން ބުންޏެވެ.

މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މައުރޫފް އާއި އަނެއް ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.

ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައި އެމްޑީޕީން ރޭ ކުއްލި ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ ހަރަކާތް މިރޭ ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމައިފަ އެވެ.

ކަންނެލި ގަނެ، މާކެޓު ކޮށްގެން ފައިސާ ހޯދައިދިނުމަށް ސަރުކާރުން ވީ ވައުދު ނުފުއްދާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން، މުޒާހަރާކުރަން ފެށީ މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު އެވެ.

ފުލުހުން ބުނީ ބާރުގެ ބޭނުންކޮށް އިހުތިޖާޖު ރޫޅާލަން ޖެހުނީ މާލެ ކައިރީގައި މުޒާހަރާކުރަމުންދިޔައިރު ތަކުރާރުކޮށް ނަސޭހަތްދިނުމުން ވެސް އެކަންކަމަށް މަސްވެރިންގެ ޔޫނިއަނުން އިޖާބަ ދީފައިނުވާތީ ކަމަށެވެ.