Last Updated: July 8, 10:05
Wednesday, July 8, 2026
ޚަބަރު

ތިލަމާލެ ބްރިޖުގެ 67 ޕަސެންޓް ނިމިއްޖެ

ތިލަމާލެ ބުރިޖުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ޖުމުލަ މަސައްކަތްތަކުގެ 67.4 ޕަސެންޓް މަސައްކަތްތައް ނިންމާލައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި މަޝްރޫޢުގައި ޖެހުމަށް ކަނޑައެޅިފައިވާ ހުރިހާ ތަނބެއްގެ ޕައިލިންގް މަސައްކަތް ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން ޕައިލްކެޕް ބިނާކުރުމާއި ޕިއާ ކޮލަމްތަކުގެ 98 އިންސައްތަ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ބުރިޖެއްގެ ސިފަ ޖެއްސުމަށާއި ޑެކު އެޅުމުގެ ބޭނުމަށްޓަކައި ސެގްމެންޓުތަކެއް ޕްރީކާސްޓު ކުރަން ޖެހޭއިރު މި މަސައްކަތުގެ 75 އިންސައްތަ ވެސް މިހާރު ނިމިފައިވާ ކަމަށާއި އަދި ބިނާކުރި ޕްރީކާސްޓު ސެގްމެންޓުތަކުގެ 36 އިންސައްތަ މިހާރު ލޯންޗުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އން ކުރިއަށް ގެންދާ ތިލަމާލެ ބްރިޖުގެ މި މަޝްރޫއުއަކީ 7 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއުއެކެވެ. މި މަޝްރޫއު އަކީ އެ ގައުމުގެ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ދަށުންނާއި ބާކީ ބައި ސަރުކާރުން ހަރަދު ކުރާގޮތަށް ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.