Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

މަހުގެ އަގު ކަނޑައެޅުމުގެ ބާރު ދިވެހިންނަށް ލިބެންޖެހޭ

ދުނިޔޭގެ ބާޒާރުގައި ދޮށީގެ މަސްވެރިކަމުން ބާނާ މަސް ވިއްކުމާއި އަގު ކަނޑައެޅުމުގެ ފުރިހަމަ ބާރު ރާއްޖެއަށް ލިބެންޖެހޭ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވަޒީރު ވިދާޅުވީ 2023 ވަނަ އަހަރު މުޅި ދުނިޔޭގެ ދޮށީގެ މަސްވެރިކަމުގައި ގާތްގަނޑަކަށް 40 އިންސައްތަ ބާނާފައިވަނީ ރާއްޖެއިން ކަމަށެވެ.

ޖަޕާނުން ދޮށީގެ މަސްވެރިކަމުގައި ބާނާ މަހެއް އެއްވެސް ގޮތަކަށް އެކްސްޕޯޓެއް ނުކުރާ ކަމަށާއި އެހެންވީމާ އެކްސްޕޯޓު ބާޒާރުގައި ދޮށީގެ މަސްވެރިކަމުގައި ބާނާ މަހުގެ ރާއްޖޭގެ ހިއްސާ 50 އިންސައްތައަށްވުރެ ވެސް ބޮޑު ކަމަށް ވަޒީރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ރާއްޖެއަށް އަގު ކަނޑައެޅުމުގެ ބާރު ނެތް ކަމަށާއި އެހެންވާން ޖެހޭ މައިގަނޑު އެއް ސަބަބަކީ ރާއްޖޭގައި ރޯމެޓީރިއަލް ހިފެހެއްޓޭނެ ގޮތެއް ނެތުން ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި މިވަގުތު ރާއްޖޭގެ ލޭންޑްބޭސްޑް ފެސިލިޓީތަކުގެ ޖުމްލަ ކެޕޭސިޓީ އަކީ 9,500 ޓަނު ކަމަށާ ރާއްޖެއިން އަހަރެއްގެ ތެރޭ 120،000 ޓަނު ބާނަކަމަށް ވަޒީރު ވިދާޅުވި އެވެ. އޭގެ 70 އިން ސައްތަ ގަންނަނީ މިފްކޯއިން ކަމަށާއި އެހެން ނަމަވެސް މިފްކޯގައި މިވަގުތު ހުރީ އެންމެ 4200 ޓަނު ސްޓޯރޭޖް ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ މިފަސް އަހަރު ނިމޭއިރު ރާއްޖޭގައި އެއްފަހަރާ 25000 ޓަނު މަސް ރައްކާކުރެވޭނެ ގާބިލްކަން އިތުރުކުރެވިގެންދާނެ ކަމަށާ އެކަމަށް ގިނަ މަޝްރޫއުތަކެއް ރޭވިފައިވާ ކަމަށެވެ. އައު ޓެކްނޮލޮޖީއާއި އެކު އިންގިލާބީ ބަދަލެއް މަސްވެރިކަމުގެ ސިނާއަތަށް އަންނާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މަސްވެރިކަމުގެ ނަފާ މިހާރު ލިބޭ 92 މިލިއަން ޑޮލަރުން 190 މިލިއަން ޑޮލަރަށް އުފުލިގެން ދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.