ތިބާ ދަނީ މުރާޤަބާ ކުރެވެމުންނެވެ. ﷲ ތަޢާލާ ތިބާ މުރާޤަބާ ކުރައްވައެވެ.
ޤިޔާމަތްދުވަހުން ތިބާގެ ޢަމަލުތަކާ މެދު:
1. يداك. (ތިބާގެ ދެއަތް)
2. رجلاك. (ތިބާގެ ދެފައި)
3. لسانك. (ތިބާގެ ދޫ)
4. سمعك. (ތިބާގެ އަޑުއެހުން)
5. بصرك. (ތިބާގެ ފެނުން)
6. قلبك. (ތިބާގެ ހިތް)
7. جلدك. (ތިބާގެ ހަން)
8. الأرض. (ބިންގަނޑު)
9. الكرام الكاتبين. (ލިޔުއްވާ މާތްވެގެންވާ މަލާއިކަތުން) ހެކިވާނެ އެވެ.
والدليل من كتاب الله عز وجل القرآن الكريم: ﷲ ޢައްޒަ ވަޖައްލަގެ ފޮތުން މިކަމަށް ދަލީލު:
1. اليدين و الرجلين: (ދެއަތާއި ދެފައި) قال تعالى:
(الْيَوْمَ نَخْتِمُ عَلَى أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُمْ بِمَا كَانُوا يَكْسِبُونَ ).[ يس: ٦٥]
މާނައީ: “މިއަދު ތިމަންއިލާހު އެއުރެންގެ އަނގަތަކުގައި ސިއްކަޖައްސަވައި ބަންދުކުރައްވާހުށީމެވެ. އަދި އެއުރެންގެ އަތްތައް ތިމަންރަސްކަލާނގެއަށް ބަސް ދަންނަވާނެތެވެ. އަދި އެއުރެން ހޯދައިގަތް ކަންތައްތަކާމެދު އެއުރެންގެ ފައިތައް ހެކިދޭނެތެވެ.”
2. السمع والبصر والقلب والجلد: (އަޑުއެހުމާއި ފެނުމާއި ހިތާއި ހަންގަނޑު)
قال تعالى: ( وَلاَ تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولـئِكَ كَانَ عَنْهُ مَسْؤُولاَ ). [الإسراء: ٣٦]
މާނައީ: “އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ ތަބާނުވާށެވެ. ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުއާލުކުރައްވާނެ ކަމެއްކަމުގައިވިއެވެ.”
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(حَتَّى إِذَا مَا جَاؤُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَارُهُمْ وَجُلُودُهُمْ بِمَا كَانُوا يَعْمَلُونَ * وَقَالُوا لِجُلُودِهِمْ لِمَ شَهِدتُّمْ عَلَيْنَا قَالُوا أَنطَقَنَا اللَّهُ الَّذِي أَنطَقَ كُلَّ شَيْءٍ وَهُوَ خَلَقَكُمْ أَوَّلَ مَرَّةٍ وَإِلَيْهِ تُرْجَعُونَ * وَمَا كُنتُمْ تَسْتَتِرُونَ أَنْ يَشْهَدَ عَلَيْكُمْ سَمْعُكُمْ وَلَا أَبْصَارُكُمْ وَلَا جُلُودُكُمْ وَلَكِن ظَنَنتُمْ أَنَّ اللَّهَ لَا يَعْلَمُ كَثِيراً مِّمَّا تَعْمَلُونَ ). [فصلت: ٢٠- ٢٢]
މާނައީ: “އެ ނަރަކަޔަށް އެއުރެން ޙާޟިރުވެއްޖައުމަށް ދާނދެނެވެ. އެހިނދު އެއުރެންގެ ކަންފަތާއި، އެއުރެންގެ ލޯތަކާއި، އެއުރެންގެ ހަންތައް، އެއުރެން ކޮށްއުޅުނު ޢަމަލުތަކަށް ހެކިދޭނެތެވެ. އަދި އެއުރެންގެ ހަންތަކަށް އެއުރެން ބުނާނެތެވެ. ކަލޭމެން ތިމަންމެންގެ މައްޗަށް ހެކިދިނީ ކީއްވެގެންހެއްޔެވެ؟ އެތަކެތި ބުނާނެތެވެ. ކޮންމެ އެއްޗަކަށްވެސް ބަސްމޮށުންދެއްވި الله ، ތިމަންމެންނަށް ބަސްމޮށުންދެއްވީއެވެ. އަދި އެއިލާހީ، ފުރަތަމަ ފަހަރަށް ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން އެނބުރި ރުޖޫޢަ ކުރައްވާހުށީ އެއިލާހުގެ ޙަޟްރަތަށެވެ. ތިޔަބައިމީހުންގެ ކަންފަތާއި، ތިޔަބައިމީހުންގެ ލޯތަކާއި، ތިޔަބައިމީހުންގެ ހަންތައް، ތިޔަބައިމީހުންގެ މައްޗަށް ހެކިދީފާނެކަމަށް ތިޔަބައިމީހުން (އެއްވެސްކަމެއް) ވަންހަނާކޮށެއް ނޫޅެމުއެވެ. އެހެނެއްކަމަކު ތިޔަބައިމީހުން ހީކުރީ، ތިޔަބައިމީހުން ކޮށްއުޅޭ ޢަމަލުތަކުން ގިނަކަންތައް ﷲދެނެވޮޑިގެން ނުވާނޭ ކަމަށެވެ.”
3. الأرض: (ބިންގަނޑު)- قال تعالى:
(يَوْمَئِذٍ تُحَدِّثُ أَخْبَارَهَا * بِأَنَّ رَبَّكَ أَوْحَى لَهَا). [الزلزلة: ٤-٥]
މާނައީ: “އެދުވަހުން އެ ބިންގަނޑު، އޭގެ ޚަބަރުތަކުގެ ވާހަކަ ދައްކާނެތެވެ. އެއީ ކަލޭގެފާނުގެ ރައްބު، އެ ބިމަށް އެކަމަށް ވަޙީ ކުރެއްވީތީއެވެ.”
4. الملائكة الكرام الكاتبين: (ލިޔުއްވާ މާތްވެގެންވާ މަލާއިކަތުން)- قال تعالى:
(وَإِنَّ عَلَيْكُمْ لَحَافِظِينَ * كِرَاماً كَاتِبِينَ* يَعْلَمُونَ مَا تَفْعَلُونَ ). [الإنفطار: ١٠-١١]
މާނައީ: “އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ މަލާއިކަތުންވެއެވެ. އެއީ މާތްވެގެންވާ، ލިޔުއްވާ މަލާއިކަތުންނެވެ. ތިޔަބައިމީހުން ކުރާ ކަންތައް އެ މަލާއިކަތުން ދެނެވަޑައިގެންވެތެވެ.”
ﷲ ތަޢާލާއީ އަހަރެމެންގެ ރަޤީބެވެ. އަހަރެމެން ކުރާ ކަންތައްތައް އެއިލާހު ބައްލަވާވޮޑިގެންވެއެވެ. އަދި އަހަރެމެންގެ މައްޗަށް ހެކިވެރިއަކު ކަމުގައިވެސް އެއިލާހު ވެއެވެ.
5. الله جل جلاله: – قال تعالى:
(إِنَّ رَبَّكَ لَبِالْمِرْصَادِ ). [الفجر: ١٤]-
މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނުގެ ރައްބު (އެއުރެން ކުރާ ކަންތައް) ބެއްލެވުމުގައި ވޮޑިގެންވާކަން ކަށަވަރެވެ.”
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(مَا قُلْتُ لَهُمْ إِلاَّ مَا أَمَرْتَنِي بِهِ أَنِ اعْبُدُواْ اللّهَ رَبِّي وَرَبَّكُمْ وَكُنتُ عَلَيْهِمْ شَهِيداً مَّا دُمْتُ فِيهِمْ فَلَمَّا تَوَفَّيْتَنِي كُنتَ أَنتَ الرَّقِيبَ عَلَيْهِمْ وَأَنتَ عَلَى كُلِّ شَيْءٍ شَهِيدٌ ). [المائدة: ١١٧]
މާނައީ: “އިބައިލާހު، މިއަޅާއަށް އަމުރުކުރައްވާފައިވާ އެއްޗެއް މެނުވީ، މިއަޅާ އެއުރެންނަކަށް ނުބުނަމެވެ. (ބުނީ) ތިމަންގެވެރި، އަދި ތިޔަބައިމީހުންގެ ވެސް ވެރި، الله އަށް ތިޔަބައިމީހުން އަޅުކަންކުރާށޭ އެވެ. އެއުރެންގެ ތެރޭގައި، މިއަޅާ ހުރިހައި ހިނދަކު، އެއުރެންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ވީމެވެ. ދެން އިބައިލާހު، މިއަޅާ ގެންދެވިހިނދު، އެއުރެންގެ މައްޗަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި، އިބައިލާހު ވޮޑިގެންވީމުއެވެ. އިބައިލާހީ، ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ”.
ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ﷲ ތަޢާލާ ތިބާ މުރާޤަބާ ކުރައްވާކަން ތިބާއަށް އެނގޭ އިރު ތިބާގެ ޙަޔާތް އެ އިލާހަށް ކިޔަމަންގަތުންމަތީ ހޭދަކުރާށެވެ. ފާފަތަކުން ދުރުހެލިވާށެވެ. މީސްތަކުންގެ ކުރިމަތީގައި މީސްތަކުންނަށް ލަދުން ފާފަތައް ކުރުމަށް ލަދުވެތިވާ ލަދުވެތިވުމަށް ވުރެ ﷲ ތަޢާލާ ބައްލަވާވޮޑިގެންވަނިކޮށް ފާފަކުރަން ތިބާ ފަސްނުޖެހޭ ނަމަ އެއިލާހު ހާދަހާވާ ދަށްކޮށްލައިފިއެވެ.
މީސްތަކުންނަށް ވުރެ ބޮޑަށް އެއިލާހު ދެކެ ލަދުގަތުން އައުލާވެގެންވެ އެވެ. އެހެނީ އަހަރެމެންގެ ޢަމަލުތައް ބައްލަވާވޮޑިގެން ޙިސާބު ކުރައްވާ، ޖަޒާ ދެއްވަނީ މީސްތަކުންނެއް ނޫނެވެ. އެ އިލާހެވެ.
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.