Last Updated: July 8, 09:50
Wednesday, July 8, 2026
ކުޅިވަރު

ފަހު ވަގުތު މޮޅުވެ އާސެނަލް ހަމަޖެހިލައިފި

ފަހު ވަގުތު ވުލްވްސް 2-1 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އާސެނަލް ހަމަޖެހިލައިފި އެވެ.

މި މޮޅާއެކު އެއްވަނައިގައި އާސެނަލް އޮތީ 16 މެޗުން 36 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 15 މެޗުން 31 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ. ލީގުގައި މިރޭ ސިޓީން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ނިކުންނާނެ އެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، ވުލްވްސް އިން ގެންދިޔައީ ވަރަށް ރަނގަޅު ޑިފެންސިވް ކުޅުމެއް ދައްކަމުންނެވެ. ނަމަވެސް މެޗުގެ 70 ވަނަ މިނެޓްގައި އާސެނަލުން ލީޑު ނެގިއިރު، މި ގޯލަކީ ވުލްވްސްގެ ގޯލްކީޕަރު ސޭމް ޖޯންސްޓޯން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މިއީ އާސެނަލުން ނަގައިދިން ކޯނަރެއް ވުލްވްސްގެ ގޯލުގެ ދަނޑީގައި ޖެހިފައި ބޭރަށް ނިކުތް ވަގުތު ކީޕަރު ގައިގައި ޖެހިފައި ވަތް ގޯލެކެވެ.

މި ގޯލަށްފަހު ވުލްވްސް އިން ކުރިއަށް ޖެހިލައިގެން ކުޅުނުއިރު، މެޗުގެ 90 ވަނަ މިނެޓްގައި ޓޮލޫ އަރޮކޮޑާރޭ ވަނީ ވުލްވްސް އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އާސެނަލް މި މެޗުން މޮޅުވި ގޯލަކީ މެޗުގެ ފަހު ވަގުތުކޮޅުތެރޭ ވުލްވްސްގެ ޔޭސަން މޮސްކޭރާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އަމިއްލަ ދަނޑުގައި ޗެލްސީން ވަނީ 2-0 އިން އެވަޓަން ބަލިކޮށްފަ އެވެ. އަދި ލިވަޕޫލުން 2-0 އިން ބްރައިޓަން ބަލިކުރިއިރު، ފުލަމް އިން ވަނީ 3-2 އިން ބާންލީގެ މައްޗަށް ކުރި ހޯދައިފަ އެވެ.