Last Updated: June 13, 14:05
Saturday, June 13, 2026
ދުނިޔެ

ޔުނިވަސިޓީއެއްގައި ދަރިވަރުންތަކެއް މަރާލައިފި

އެމެރިކާގެ ރޯޑް އައިލޭންޑްގެ ބްރައުން ޔުނިވަސިޓީގައި ދިން ހަމަލާތަކެއްގައި ދެ ދަރިވަރަކު މަރުވެ، ނުވަ މީހަކު ޒަހަމްކޮށްލައިފި އެވެ.

މީޑިއާތަކުން ބުނީ މި ހަމަލާތަކާ ގުޅިގެން ޒަހަމްވި މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، ބައެއް މީހުންގެ ހާލު ވަރަށް ދެރަ ކަމަށެވެ. ޔުނިވަސިޓީގައި ހަމަލާތަކެއް ދިނީ އެތަނުގެ އިންޖިނިއަރިން އާއި ފިޒިކްސް އިމާރާތުގައި ދަރިވަރުންތަކެއް އިންތިހާނެއް ހަދަމުން ދަނިކޮށެވެ.

ބްރައުން ޔުނިވަސިޓީގައި ހަމަލާ ދިނީ ހަތިޔާރާ އެކު އެތަނަށް ވަން މީހެކެވެ. އޭނަ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ އިރު، ހަމަލާ ދިން މީހާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު ހަމަލާ ދިން މީހާ ހުރީ އެއްކޮށް ކަޅު ހެދުމުގައި ކަމަށާއި އޭނަ އަކީ 30 ގެ އަހަރުތައް ގުނަމުންދާ މީހެއް ކަމަށް ބުނެފައިވެ އެވެ.

ފުލުހުން މިހާރު ވަނީ ހަމަލާ ދިން ކަމަށް ބެލެވޭ މީހާ ފެންނަ ވީޑިއޯ ފުޓޭޖެއް ވެސް އާންމުކޮށްފަ އެވެ.

އެމެރިކާގެ ޔުނިވަސިޓީތަކާއި ކޮލެޖްތަކާއި ސްކޫލްތަކުގައި މިފަދަ ހަމަލާތައް ހިނގުމަކީ ވަރަށް އާންމު ކަމެކެވެ.