Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ރައްޔިތުންނަށް ދިން އެހީއެއް އައްބާސް ހުއްޓާލައިފި

ދާއިރާގެ ރައްޔިިތުން ބޭސް ފަރުވާ އަށް ރ. އުނގޫރާފާރަށް ފޮނުވައި ދޭން ފާއިތުވި ދެ އަހަރު އަމިއްލަ އަތުން 504،000ރ. ހަރަދުކޮށްފައިވާ ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ ތަމްސީލު ކުރައްވާ ދާއިރާގައި ހިމެނޭ ވެލިދު އާއި ޅޮއްސާއި ފޮއްދޫގެ ރައްޔިތުން ބޭސް ފަރުވާ އަށް އުނގޫރަށް ފޮނުވައި ދޭން އެކަނި ފާއިތުވި ދެ އަހަރު މަހަކު 21،000ރ. ހޭދަކޮށްފައިވާނެ ކަމަށެވެ.

"ދާއިރާގެ ތިން ރަށުގެ ރައްޔިތުންގެ ބޭސްފަރުބާގެ ދަތުރުގެ ކަންކަން ހަމަޖެއްސުނީތީ އަޅުގަނޑު އުފާ ކުރަން." އައްބާސް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ރައްޔިތުންނަށް ވަމުން ދިޔަ އެ އެހީ މާދަމާ އިން ފެށިގެން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމީ ނ. އަތޮޅު ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދާން ބޭނުންވާ މީހުންނަށް ކޮންމެ ދުވަހަކު އާރުޓީއެލް ރީ ގައި ދަތުރު ކުރެވޭނެ ފަސޭހަ ނިޒާމު އަތޮޅުގައި މިހާރު ހަމަޖެހިފައިވާތީ ކަމަށެވެ. އަދި ނ. އަތޮޅާ ރ .އަތޮޅު އާރްޓީއެލްގެ ލޯންޗް ދަތުރުން ގުޅާލެވިގައި އޮތުމުގެ ސަބަބުން އެ ނިޒާމަށް ރައްޔިތުން ހޭނި ފަރިތަވުމަކީ ދެމެހެއްޓެނިވި ގޮތަކަށް ބަލާ އިރު އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލު ކުރައްވާ ކަމަށް އައްބާސް ވިދާޅުވި އެވެ.

"މީގެ އިތުރުން ސަރުކާރުން ވެލިދޫ ހެލްތު ސެންޓަރުގައި ޑަޔަލަސިސް ހެދޭނެ ނިޒާމު ހަމަޖެއްސެމާއި އެކްސްރޭގެ ހިދުމަތް ފެއްޓެވުމުގެ ސަބަބުން ވެލިދޫން އުނގޫފާރަށް ޑޮކްޓަރަށް ދައްކަންދާ ރައްޔިތުންގެ ނިސްބަތް ވަރަށް ބޮޑު ތަނުން މަދުވެފައިވާކަން ފާހަގަ ކުރަން،" އޭނަ ވިދާޅުވި އެވެ. "މިކަން މިގޮތަށް އަޅުގަނޑު ނިންމި ނަމަވެސް ދާއިރާގެ ރައްޔިތުންގެ ތެރެއިން ކުއްލި ހާލަތުގައި ފުރައިގެން ބޭސްފަރުވާ އަށް ދެވޭނެ ފަދަ ތަނަވަސްކަން ނެތް ފަރާތްތަކުން އެދޭ އެދުންތަކަށް އަޅުގަނޑުގެ ފުރިހަމަ އެހީތެރިކަން ލިބިގެންދާނެ ވާހަކަ ދަންނަވަން."